ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމްއާއި ށ. ގޮއިދޫ ކައުންސިލްގެ މިދިޔަ ދެ ދައުރުގެ އަދި މިހާރުގެވެސް ރައީސް އިބްރާހިމް ޝާހިދު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
އެ ދެބޭފުޅުން ޕީޕިއެމްއަށް ސޮއި ކޮށްފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ރޭ ފުނަދޫގައި ޖަލްސާ ބޭއްވުމަށްފަހު މުއިއްޒު ވަނީ މިއަދު ހެނދުނު އެ އަތޮޅު ޅައިމަގަށް ވަޑައިގަންނަވާފައެވެ.
https://twitter.com/ProgressPartyMV/status/1703468474033709362
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭކަން އިއުލާނު ކުރި ހިސާބުން ފެށިގެން މުއިއްޒު ގެންދަވަނީ ހުއްޓުމެއް ނެތި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރައްވަމުންނެވެ. އަދި ކޮންމެ އަތޮޅެއް ނިންމައި މާލެ ވަޑައިގެންނެވުމަށް ފަހު މާލޭގައި ޖަލްސާއެއް ބާއްވަވައެވެ،
އިންތުހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.
ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވީ ރައީސް ނަޝީދު ނިސްބަތްވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ 7.18 އިންސައްތައެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް