ތިން ދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރޭޝަނަށް 47 ހާސް ފޯމު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، ތިން ދުވަހުގެ ތެރޭގައި 47 ހާސް މީހުން ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީން ބުނީ، ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގަ...

18 Sep 2023 | 03:40

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، ތިން ދުވަހުގެ ތެރޭގައި 47 ހާސް މީހުން ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ބުނީ، ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި، 42867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅިއިރު، ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުންވަނީ، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ.

މީގެ ތެރެއިން، 19 ހާހަށް ވުރެ ގިނަ ފޯމު ވަނީ އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައި ވާއިރު 27 ހާހަށް ވުރެ ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އީސީން ބުންޏެވެ. އަދި ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ ކަމަށާއި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެ ކަމަށް އީސީން ބުންޏެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގެ އަދަދާމެދު ސުވާލު އުފެދި، އެ ލިސްޓު އާއްމު ކުރަން ދަ ޑިމޮކްރެޓްސްއިން އިއްޔެ ވަނީ އީސީއަށް ގޮވާލާފައެވެ.

އީސީއިން އިއްޔެ ބުނެފައި ވަނީ، ރީ-ރަޖިސްޓަރ ކުރަން ހުޅުވާލުމުން ދެ ދުވަހުގެ ތެރޭގައި25 ހާސް މީހުން ރީ-ރަޖިސްޓަރ ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރީ-ރަޖިސްޓާރ ކުރަން ތަރުހީބު ކުޑަ ވުމުން، އެކަމަށް އޮތް މުހުލަތު މީގެ ކުރިން އީސީއިން އެއްފަހަރަށްވުރެ ގިނަ ފަހަރު އިތުރު ކޮށްދީފައިވާ ކަމަށެވެ.

އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ބޭނުން ކޮށްފައި ވަނީ ސިއްސައިގެންދާހާ މަދު ބަޔަކު ކަމަށް އީސީން ބުންޏެވެ.

އެހެންކަމުން ދެވަނަ ބުރަށް ރީ-ރަޖިސްޓަރ ކުރަން ހުށަހެޅި ހުށަހެޅުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ޑިމޮކްރެޓްސްއިން އީސީއަސް ގޮވާލިއެވެ.

“އެއީ ގަސްތުގައި ވޯޓު ދިނުމުގެ ހައްގު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ނޫންކަން ޔަގީން ކުރުމަށް” ޑިމޮކްރެޓްސްގެ ބަޔާނުގައި ވެއެވެ.

ރީ-ރަޖިސްޓްރޭޝަންގެ މައްސަލަ ބޮޑުވެ އިދިކޮޅު ކޯލިޝަނުން ވަނީ އިއްޔެ އީސީއަށް ގޮސްފައެވެ.

ދެވަނަ ބުރަށް ރީ-ރަޖިސްޓަރ ކުރަން ހުޅުވާލުމާއެކު ދެ ދުވަހުގެ ތެރޭގައި25 ހާސް މީހުން ރީ-ރެޖިސްޓަރ ވެފައި ވާކަމަށް އީސީން ބުނުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޑް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަަޑައިގަންނަވާހެން، އިދިކޮޅުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުް ފާޅު ކުރަމުންނެވެ.

މުއިއްޒު ވިދާޅުވީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓަރ ކުރުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށާއި އެކަމަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ޕާޓީތަކާއި އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކަމާބެހޭ ފަރާތްތަކުން ބަލަން ޖެހޭ ކަމެއް ކަމަށެވެ.

އެ ކަންކަމަށް ރައްދުދީ، އީސީން ނެރުނު ނޫސްބަޔާނުގައި ބުނީ، ރީ-ރަޖިސްޓްރޭޝަން ޕޯޓަލްއާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުން ގެންދާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް