ގއ. އަތޮޅުގައި ދުއްވާ ފެރީއަކުން ވެއްޓި މީހަކު މަރުވެއްޖެ އެވެ.
އެމީހާ ފެރީން ވެއްޓިފައިވަނީ އެ އަތޮޅު ގެމަނަފުށިން ފުރައިގެން ކަނޑުހުޅުދޫއަށް ދަނިކޮށެވެ. ހާދިސާ ހިނގިއިރު ފެރީ އޮތީ ގެމަނަފުށި ނެރާއި ހިސާބުގައި ކަމަށްވެ އެވެ.
މިހާދިސާގައި މަރުވީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު އެނގޭ މީހުން މީޑިއާގައި ބުނެފައިވެ އެވެ. އެއީ ކަނޑުހުޅުދޫ މީހެކެވެ.
އެމީހާ މޫދުން ނަގައިގެން ގެމަނަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ ހަވީރު 6:00 ހާއިރު ކަމަށާއި ގެންދިޔަ އިރުވެސް މަރުވެފައި ވާ ކަމަށް އެ މަރުކަޒުން މައުލޫމާތުދެ އެވެ.
މަންޒަރުދުށް މީހުން މީޑިއާގައި ބުނީ އެމީހާ މޫދަށް ވެއްޓުނީ ފެރީގެ ދިރުނބާކޮޅުގައި ހުއްޓަ އެވެ. އޭނާ ސަލާމަތް ކުރެވޭތޯ ވަގުތުން ފެރީގައި ތިބި ދެމީހަކު ފުންމާލި ކަމަށްވެ އެވެ.
މިކަމާއި ގުޅިގެން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް