ރާނީގެ ޖަނާޒާއަށް ދައުވަތު ދިން ގައުމުތަކާއި، ނުދޭ ގައުމުތަށް!

މިމަހުގެ އަށް ވަނަ ދުވަހު އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ޖަނާޒާގައި ބައިވެރިވެ ރާނީއަށް ފަހުގެ އިހުތިރާމް އަދާ ކުރުމަށް އެގައުމުން ...

18 Sep 2022 | 06:52

މިމަހުގެ އަށް ވަނަ ދުވަހު އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ޖަނާޒާގައި ބައިވެރިވެ ރާނީއަށް ފަހުގެ އިހުތިރާމް އަދާ ކުރުމަށް އެގައުމުން ވަނީ ދުނިޔޭގެ ގައުމުތަކަށް ދައުވަތު ދީފަ އެވެ. ދައުވަތު ގަބޫލު ކުރި ގައުމުތަކުން ޖަނާޒާގައި ބައިވެރިވާ ވެރިން މިހާރު ދަނީ އިނގިރޭސިވިލާތަށް ވަޑައިގެންނަމުންނެވެ.

ޖަނާޒާގައި ބައިވެރުވުމަށް ދައުވަތުދިން ގައުމުތަކުގެ ތެރޭގައި ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ވެރިން ހިމެނެ އެވެ. އޭގެ ތެރޭ ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިއާ، ބަންގްލަދޭޝް، ނިއުޒިލޭންޑް އަދި އޮސްޓްރޭލިއާގެ އިތުރުން ކެނެޑާ ފަދަ ގިނަ ގައުމުތައް ހިމެނެ އެވެ.

ރާނީގެ ޖަނާޒާއަށް ދައުވަތުދިން އެހެން ގައުމުތަކުގެ ތެރޭގައި ސައުދީއަރަބިއްޔާ އާއި އީރާން ހިމެނެ އެވެ. ސައުދީ ފަރާތުން ޖަނާޒާގައި ބައިވެރިވެވަޑައިގެންނަވަނީ ވަލީއަހުދު މުހައްމަދެވެ. އީރާންގެ ފަރާތުން ބައިވެރިވަނީ އެގައުމަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް މިހާރު އިނގިރޭސިވިލާތުގައި ތިއްބެވި ގައުމުތަކުގެ ވެރިންގެ ތެރޭގައި އެމެރިކާގެ ރައީސް، ފްރާންސް އަދި އިޓަލީގެ ރައީސް ހިމެނެ އެވެ. ޗައިނާގެ ފަރާތުން ރާނީގެ ޖަނާޒާއަށް ވަޑައިގެންނަވަނީ ނައިބު ރައީސް އެވެ.

މި ލިސްޓު އާންމުވުމުން އެންމެ ގިނަ މީހުން ބަލަން ބޭނުންވީ މި ޖަނާޒާއަށް އިނގިރޭސިވިލާތުން ދައުވަތު ނުދޭ ގައުމުތަކެވެ.

ދައުވަތު ނުދޭ ގައުމުތަކުގެ ތެރޭގައި ރަޝިއާ، އަފްގާނިސްތާނު، މިއަންމާ، ސީރިއާ އަދި ވެނެޒުއޭލާ ހިމެނެ އެވެ. އަދި ނޯތް ކޮރެއާ އާއި ބެލަރުސްގެ އެއްވެސް އިސް ފަރާތަކަށްވެސް ދައުވަތު ދީފައެއް ނުވެ އެވެ.

ރާނީގެ ޖަނާޒާގެ ކަންކަން ފެށޭނީ މާދަމާ ހެނދުނު އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު11:00 ގައި އެވެ. މިއީ މިހާތަނަށް ދުނިޔޭގެ ގައުމެއްގައި ބާއްވާ އެންމެ ބޮޑު ޖަނާޒާއަށް ވާނެ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް