ފިލިޕިންސް ކަނޑުގައި އުފެދި ސީދާ ޖަޕާނާ ދިމާއަށް މިސްރާބު ޖަހާފައިވާ ތޫފާ ނަންމަޑޯލްގެ ސަބަބުން ޖަޕާނުގެ ދެ މިލިޔަނެއްހާ މީހުންނަށް އަސަރުކުރާނެކަމުގައި ލަފާކޮށް ރައްކާތެރިވުމަށް އެލާޓް ނެރެފިއެވެ.
މިއަދުގެ ވަގުތެއްގައި ތޫފާން ނަންމަޑޯލް ޖަޕާނަށް އަރާނެކަމުގައި ބެލެވޭއިރު އެންމެ ބޮޑަށް އަސަރުކުރާނެކަމުގައި ބެލެވޭ ސަރަހައްދުތަކުން މީހުން ސަލާމަތީ އައްސޭރިތަކަށް ގެންދިއުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
މި ތޫފާން ރޭންކުކޮށްފައިވަނީ އެންމެ ނުރައްކާތެރި ތޫފާނެއްގެ ގޮތުގައެވެ. މި ތޫފާނުގެ ސަބަބުން ކަނޑު އިންތިހާއަށް ގަދަވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ އޮތްކަމަށް ބުނެފައިވެއެވެ. އަދި ގަދަ ވައިގާ ގެތައް ވެއްޓުމުގެ ފުރުސަތުވެސް މި ތޫފާނުގެ ސަބަބުން އޮވެދާނެކަމަށް ބުނެފައިވެއެވެ.
މިއީ ތޫފާނަކަށް ތޫފާން ނަންމަޑޯލްގެ ނަން ދޭ ހަތަރުވަނަ ފަހަރެވެ. މައިކްރޯނޭސިއާ ސަރަހައްދުގައި ތޫފާންތަކަށް ދޭ މިފަދަ ނަންތައް ތަކުރާރުކުރެއެވެ.
ތޫފާން ނަންމަޑޯލަކީ ނުރައްކާތެރިކަމުގެ މާޒީއެއްވެސް އޮތް ތޫފާނެކެވެ. އެގޮތުން 2004 ވަނަ އަހަރު ތައިވާނަށް އެރި ތޫފާން ނަންމަޑޯލްގައި 77 މީހަކު މަރުވިއެވެ. 2011 ގައި ފިލިޕިންސް ތައިވާން އަދި ޖަޕާނަށް އެރި ތޫފާން ނަންމަޑޯލްގައި 33 މީހަކު މަރުވިއެވެ. 2017ގައި ޖަޕާނަށް އެރި ތޫފާން ނަންމަޑޯލްގައި 42 މީހަކު މަރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް