އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ ލިވަޕޫލް ލީގުގެ އެއްވަނައަށް ޖެހިލިއިރު، މެންޗެސްޓާ ސިޓީ ސައުތެމްޕްޓަންއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ލިވަޕޫލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން މެޗުގެ ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ސަދިއޯ މާނޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ މި ލަނޑާއި އެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ލިވަޕޫލުން ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާކުރީ ފަހު ހާފުގެ 78 ވަނަ މިނެޓުގައި ވެންޑައިކްގެ އެހީތެރި ކަމާއި އެކު މުހައްމަދު ސަލާއެވެ. ލިވަޕޫލުގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ 89 ވަނަ މިނެޓުގައި ނަބީ ކިއޭޓާއެެވެ.
އަމިއްލަ ދަނޑުގައި ސައުތެމްޕްޓަންއާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގައި ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ސައުތެމްޓަނުންނެވެ. އެގޮތުން ލަނޑު ޖަހަންވެސް އެޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
މި ނަތީޖާތަކާއި އެކު ލިވަޕޫލް ވަނީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއި އެކު ލީގުގެ އެއްވަނައަށް އަރާފައެވެ. ލިވަޕޫލް އަތުން ބަލިވި ކްރިސްޓަލް ޕެލަސް މިވަގުތު އޮތީ ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއި އެކު ލީގުގެ 13 ވަނާގައެވެ.
މިރޭގެ މެޗުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއި އެކު ސިޓީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު10 ޕޮއިންޓާއި އެކު ލީގުގެ ދެވަނާގައެވެ. އަދި ސައުތެމްޕްޓަން އޮތީ ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކު ލީގުގެ 15 ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް