ފްލައިން ސްކޫލު ހިންގަން އޭއޭއޭއާ އެކު ވި އެއްބަސްވުން އެވިޑުން ބާތިލްކޮށްފި

ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫގައި ހިންގާ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއެކު ވެފައިވާ އެއްބަސްވުން އެވިޑް ކޮލެޖުން މިއަދު ބާތިލްކޮށްފި އެވެ. އައްޑޫ ސިޓީ ގަމުގައި ހިންގާ އެ ސްކޫ...

18 Sep 2021 | 16:21

ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫގައި ހިންގާ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއެކު ވެފައިވާ އެއްބަސްވުން އެވިޑް ކޮލެޖުން މިއަދު ބާތިލްކޮށްފި އެވެ.

އައްޑޫ ސިޓީ ގަމުގައި ހިންގާ އެ ސްކޫލް އޭއޭއޭއަށް ނުހިންގި ކަންތައްތައް ބޮއްސުން ލައިގެން ދިއުމުން އެ ތަނުގެ ހިންގުން މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑް ކޮލެޖާއި ހަވާލުކޮށްފަ އެވެ. އޭގެ ފަހުން، ފްލައިން ސްކޫލުގެ ކަންކަން ބަލަހައްޓަމުން އައީ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުންނެވެ.

އޭއޭއޭގެ ދަރިވަރުންނާއެކު ވާޗުއަލްކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި، އެވިޑުގެ ޗެއާމަން މުޝްތާގު ރަޝާދު ވިދާޅުވީ އެއްބަސްވުން އުވާލަން ޖެހުނީ ސަރުކާރުގެ ބައެއް އިދާރާތަކުން އެއްބާރުލުން ނުލިބުމުގެ ސަބަބުން، ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދެވިދާނެތީ ކަމަށެވެ. ކިޔެވުން ކުރިއަށްގެންދެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށާއި އެކަމަށް ދެ މަސް ދުވަހުގެ ތެރޭގައި މިލިއަނުން ރުފިޔާ ހަރަދުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ރޭވި ގޮތަށް ކަންކަން ނުދިއުމުން ދަރިވަރުންގެ ކިބައިން މުޝްތާގު ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

އެތަން ހިންގުމުގައި އެވިޑަށް ދިމާވި މައްސަލަތަކުގެ ތެރޭގައި ތަމްރީނުތަކަށް ސިވިލް އޭވިއޭޝަނުން އެވިޑަށް ލައިސަންސް ދޫކޮށްފައި ނުވާތީ، ކިޔެވުން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. އޭގެ އިތުރުން، ފްލައިން ސްކޫލު ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭއޭއޭ އަށް ކުއްޔަށް ދީފައިވާ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ. އެހެންވެ، އެފަދަ ސަބަބުތަކާ ހުރެ "ސޭލްސް އެންޑް ޕާޗޭސް" އެއްބަސްވުން އުވާލާފައިވަނީ ދެ ފަރާތުން އެއްބަސްވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް