އިޓާލިއަން ލީގު: ފިއޮރެންޓީނާ މޮޅުވެ ލީގުގެ ހަތަރު ވަނައަށް ޖެހިލައިފި

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޖެނޯއާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ ހަތަރު ވަނައަށް ފިއޮރެންޓީނާއިން ޖެހިލައިފިއެވެ. ރަށުން ބޭރުގައި ޖެނޯއާއާއި ދެކޮޅަށް ކުޅުނު މެޗު ފިއޮރެންޓ...

18 Sep 2021 | 15:58

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޖެނޯއާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ ހަތަރު ވަނައަށް ފިއޮރެންޓީނާއިން ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ޖެނޯއާއާއި ދެކޮޅަށް ކުޅުނު މެޗު ފިއޮރެންޓީނާއިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ ވެސް ފިއޮރެންޓީނާއިންނެވެ. އެގޮތުން ގިނަ ހަމަލާތަކެއް ވެސް ފިއޮރެންޓީނާއިން ވަނީ އުފައްދާފައެވެ. އެހެން ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އޮވެއެވެ.

ފަހު ހާފު ފެށިގެން ވެސް ފިއޮރެންޓީނާއިން މޮޅަށް ކުޅުނު އިރު، މެޗުގެ 60 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިކާޑޯ ސަޕޮނާރާއެވެ. ފިއޮރެންޓީނާގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 89 ވަނަ މިނެޓުގައި ގިއަކޯމޯ ބޮނަވެންޗުރާއެވެ. ޖެނޯއާއިން މެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ޑޮމިނިކޯ ކްރިސިޓޯއެވެ.

މި ނަތީޖާއާއި އެކު ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު ލީގުގެ ހަތަރުވަނައަށް ފިއޮރެންޓީނާ ޖެހިލިއިރު، އެޓީމު އަތުން ބަލިވި ޖެނޯއާ އޮތީ ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ލީގުގެ 14 ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް