އައްޑޫ ސިޓީގެ ސްކޫލްތަކުގައި އަލުން ކިޔެވުން ފަށަނީ

އައްޑޫ ސިޓީގައި ކޯވިޑްގެ ހާލަތު ގޯސްވެ މޮނިޓަރިންއަށް ލުމާއި ގުޅިގެން ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ކިޔަވައި ދިނުން މެދުކަނޑާލާފަ އޮތުމަށް ފަހު އަލުން ސްކޫލްތަކުގައި ކިޔަވައިދޭން ފަށަން ނިންމައިފ...

18 Sep 2021 | 12:43

އައްޑޫ ސިޓީގައި ކޯވިޑްގެ ހާލަތު ގޯސްވެ މޮނިޓަރިންއަށް ލުމާއި ގުޅިގެން ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ކިޔަވައި ދިނުން މެދުކަނޑާލާފަ އޮތުމަށް ފަހު އަލުން ސްކޫލްތަކުގައި ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ28 ވަނަ ދުވަހު އެވެ. އަދި ހުޅުމީދޫ މޮނިޓަރިންއަށްލީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސްކޫލްތަކުގައި ކިޔެވުން މެދުކަނލާފައި އޮންތަނާ ދުވަސްތަކެއް ވެފައި ވާތީ، ސްކޫލްތަކުގެ މެނޭޖްމަންޓާއި ބެލެނިވެރިން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

އެހެންވެ އައްޑޫގެ ކޮވިޑް ޓާސްކް ފޯސް ކޮމިޓީން ހާލަތު މުރާޖައާ ކުރުމަށް ފަހު، އެޗްޕީއޭ އިން ދިން ލަފައާ ގުޅިގެން މިހާރު ނިންމާފައި އޮތީ މާދަމާ އިން ފެށިގެން ސްކޫލްތަކުގައި ކުރިއެކޭ އެެއްގޮތަށް ކިޔަވައި ދިނުން ކުރިއަށް ގެންދަން ކަމަށް ކައުންސިލުން ބުންޏެވެ.

މޮނިޓަރިންއަށް ލީފަހުން ސްކޫލްތަކަށް ހާޒިރުކޮށްގެން ކިޔަވައިދެމުން ދިޔައީ ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށެވެ. އޭގެ ދަށުގެ ގްރޭޑްތަކަށް ކިޔަވައިދެމުން ދިޔައީ އޮންލައިންކޮށެވެ.

ސްކޫލްތަކުގައި އަލުން ހުރިހާ ގްރޭޑްތަކަކަށް ކިޔަވައިދޭން ފަށާނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނަށް ފުރިހަމައަށް އަމަލު ކުރުމަސް ނަސޭހަތްތެރިވެފަ އެވެ. އައްޑޫ ސްކޫލްތަކުގެ އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ މޮނިޓަރިންގައި އޮއްވަ ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

އައްޑޫ ސިޓީގައި މިވަގުތު ކޯވިޑްގެ 260 އަށްވުރެ ގިނަ އެކްޓިވް ކޭސް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޕޮސިޓިވްވަމުން ދަނީ މަރަދޫއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް