ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ހާންގެ ފަރާތުން ތަފާތު ކަމެއް ނުވަތަ އޭނާ ހާއްސަ ދެ ކުލައެއް ގެންގުޅޭކަން ފާހަގަވާން ފެށީ ވަރަށް ފަހުންނެވެ.
ސާރާ އަކީ އާންމުކޮށް ގެއިން ބޭރަށް ކޮންމެ ގަޑިއެއްގައި ނުކުތަސް ވަރަށް ސްޓައިލްކޮށް ހުންނަ ބަތަލާއެކެވެ. ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ސާރާ ލާ ހެދުންތަކަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ހެދުން ތަކެކެވެ.
އެގޮތުން އޭނާ ދިގު ގައުންއެއް، ޓިއުބެއް ނުވަތަ އިންޑިއަން ސްޓައިލް ހެދުމެއް ލިޔަސް ހާއްސަ ކަމެއް ގެންގުޅޭކަން ވަނީ ފާހަގަވެފައި އެވެ. އެއީ ސާރާގެ ހުރިހާ ހެދުމެއްގައިހެން ކަޅާއި ހުދު ކުލަ ހުރުމެވެ.
ބޮޑެތި ހަފްލާތަކާއި ޕާޓީތަކުގައި އޭނާ ބައިވެރިވާއިރުވެސް އެ ދެ ކުލަ ނުހިމެނޭ ހެދުމެއް ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހެދުން އެކަންޏެއް ނޫނެވެ. ސާރާ އަރާ ފައިވާންތަކާއި ބޫޓުތަކުގައިވެސް އެ ދެކުލަ ނުހިމެނެނީ ވަރަށް މަދު ފަހަރަކު އެވެ.
ހާއްސަކޮށް އޭނާ 2018 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ދުވަސްވަރު މީޑިއާގައި އާންމުވި ފޮޓޯ އަކީ އެ ދެ ކުލައިގެ މުހިންމުކަން ސާރާގެ ފަރާތުން ހާމަ ކުރުން ކަމަށް މިހާރު ގަބޫލު ކުރެވެ އެވެ. އެ ފޮޓޯގައި އޭނާ ލައިގެން ހުރީ ކަޅާއި ހުދު ގޮޅި ޖަހާފައި ހުރި ކުރު ހެދުމެކެވެ.
މިކަމާއި ގުޅޭގޮތުން ސާރާ އާއި ސުވާލު ކުރުމުން އޭނާ ވަކި ޖަވާބެއް ދީފައެއް ނުވެ އެވެ. އެކަމަކު އޭގެ ފަހުންވެސް ސާރާ އާންމު ތަންތަނުން ފެންނައިރު ކަޅާ ހުދު ނުހިމެނޭ ހެދުމެއް ވަރަށް ނުލާ ކަމަށްވެ އެވެ.
މާގިނަ ފިލްމުތަކެއް ނުކުޅުނު ނަމަވެސް މިހާތަނަށް ކުޅުނު ފިލްމުތަކުން ލިބުނު ކާމިޔާބާއި ބައްޕަ ސައިފް އަލީ ހާންގެ މަޝްހޫރު ކަމުން ސާރާގެ ކަންކަމަކީ ގިނަ ބަޔަކު އެނގެން ޝައުގުވެރިވާ ކަންކަމެވެ. އެގޮތުން މިހާރު ރާއްޖޭގައި އެކުވެރިންނާއި އެކު ޗުއްޓީ ހޭދަ ކުރަމުންދާއިރު އިންޑިއާ މީޑިއާގެ ސަމާލުކަން ސާރާގެ ޗުއްޓީއަށް ވަރަށް ބޮޑަށް ވަނީ ހުއްޓިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް