ދިޔަމިގިލީގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރެނީ، ތިން ދުވަސް ތެރޭ 30 މީހުން ޕޮސިޓިވް!

ތ.ދިޔަމިގިލީގައި ކޯވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 30 އަށް އަރައިފި އެވެ. ކޯވިޑް ފެތުރޭކަން އެނގިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެރަށުގައި ބަލި ފެތުރޭކަން އ...

18 Sep 2021 | 07:38

ތ.ދިޔަމިގިލީގައި ކޯވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 30 އަށް އަރައިފި އެވެ.

ކޯވިޑް ފެތުރޭކަން އެނގިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެރަށުގައި ބަލި ފެތުރޭކަން އެނގުނީ ރަށުގައި ހުމާއި އަރިދަފުސް ރޮގާ ފެތުރޭތާ ދެ ހަފްތާވާން ގާތްވެފައިވަނިކޮށް ކޮންމެ ގެއަކުން ބަލީގެ އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުންނެވެ.

ދިޔަމިގިލީ ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އެކަނި އެރަށުން 15 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އެ އެންމެންނަކީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހުންނެވެ.

އަދި މިހާތަނަށް ޕޮސިޓިވްވި 30 މީހުންނަކީވެސް ބަލީގެ އަލާމާތްތަކާއި އެކު ފްލޫ ކްލިނިކަށް ދައްކާފައިވާ މީހުން ކަމަށް މައުލޫމާތުދެ އެވެ. މިހާތަނަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ކޯވިޑް ނެގެޓިވްވެފައިވަނީ 86 މީހުންނެވެ.

ޓެސްޓު ކުރި ސާމްޕަލްތަކުގެ ތެރެއިން 52 ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ދިޔަމިގިލީ ސިއްހީ މަރުކަޒުން ބުނެ އެވެ. ޕޮސިޓިވް ކޭސްތަކާއި ގުޅިގެން އެ ރަށުގެ 15 ގެއެއް މޮނިޓަރިންގެ ހާލަތުގައި އެބަހުއްޓެވެ.

ދިޔަމިގިލިން ނަގާ ސާމްޕަލްތައް ޓެސްޓު ކުރަން ފޮނުވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށެވެ.

އެ ރަށުގެ އިތުރުން ތ. ވޭމަންޑޫވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި 20 ރަށެއް އެބައޮތެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް