ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ތަޖިކިސްތާނަށް ފުރައިފި އެވެ.
އެ ޓީމު ތަޖިކިސްތާނަށް ދިޔައީ މިމަހުގެ 23 އިން 29 ގެ ނިޔަލަށް އޮންނަ އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިން ގައި ވާދަކުރާށެވެ.
އަންނަ އަހަރު އިންޑިއާގައި ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ގްރޫޕް ބީ ގައި ރާއްޖެ ހިމެނޭ އިރު، މި ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމް، އަފްޣާނިސްތާނެވެ. މި ގްރޫޕުގެ ކޮލިފައިން މެޗުތައް ކުޅޭނީ ވިއެޓްނާމް ގައެވެ.
މި ގްރޫޕްގައި އަފްޣާނިސްތާން ހިމެނުނު ނަމަވެސް، އެ ގައުމުން ފަހުން ވަނީ ކޮލިފައިންއިން ވަކިވެފަ އެވެ. އެހެންކަމުން ކޮލިފައިންގައި ރާއްޖެ ދެން ވާދަކުރަން ޖެހޭނީ ވިއެޓްނާމް އަދި ތަޖިކިސްތާނާ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު މިމަހުގެ 23 ވަނަ ދުވަހު ކުޅޭނީ ވިއެޓްނާމާއި ދެކޮޅަށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ބައްދަލުކުރާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.
ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ޓީމު ވަނީ މިދިޔަ އޯގަސްޓް މަހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ޓްރެއިނިންގ ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ. މި ކޭމްޕްގައި ދެ މެޗު ވަނީ ކުޅެފަ އެވެ.
އެގޮތުން ފުރަތަމަ މެޗުގައި 1-5 އިން ބަލިވިއިރު، ދެވަނަ މެޗުން ބަލިވީ 1-2 ގެ ނަތީޖާއަކުން ނެވެ. މި ދެ މެޗުގައި ގައުމީ ޓީމާއި ދެކޮޅަށް ކުޅުނީ ޔޫއޭއީގެ ގައުމީ ސީނިއަރ އަންހެން ޓީމެވެ.
ކޮލިފައިން މެޗުތަކަށް ފަހު ގައުމީ އަންހެން ފުޓްބޯޅަ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް