މިއީ ބަރުމާގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން ދިޔަ ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ އަރްބާ ޚާތޫންގެ ވާހަކަ އެވެ. މިއީ އަލްޖަޒީރާގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާ އެވެ.
"އަހަރެންގެ ނަމަކީ އަރްބާ ޚާތޫން އެވެ. އުމުރަކީ 50 އަހަރެވެ. އަހަރެން ބަރުމާ ދޫކޮށް އައީ ދެ ހަފްތާ ކުރީންނެވެ.
އަހަރެމެން ދިރިއުޅެމުންދިޔައީ އުފާވެރި ދިރިއުޅުމެކެވެ. އަހަރެމެން ގެރި ބަކަރި ގެންގުޅުނީމެވެ. ދަނޑުވެރިކަން ކުރަމުން ގެނދިޔައީމެވެ. އެ ދަނޑުގައި ހަނޑޫ ހެއްދީމު އެވެ. އަދި ރުށްދަނޑެއްވެސް އޮވެ އެވެ. މީގެ 15 އަހަރު ކުރީން އަހަރެންގެ ފިރިމީހާ ވަނީ ނިޔާވެފަ އެވެ. މިހާރު ދަނޑު ބަލަހައްޓަމުން އަންނަނީ އަހަރެންގެ ފިރިހެން ދަރިފުޅެވެ. އަހަރެން ދިރިއުޅެމުންދިޔައީ ފިރިހެން ދަރިފުޅުގެ އަނބިދަރީންނާއި އެކުގަ އެވެ.
އެއީ ކޮން ދުވަހެއްކަން ސީދާ ހަނދައިނެއް ނެތެވެ. މިލިޓަރީން އަހަރެމެންގެ އަވަށަށް އެރީ އަހަރެން ހެނދުނު ހޭލައިގެން މޫނު ދޮންނާން ހުއްޓަ އެވެ. އެމީހުން އަހަރެމެން ގެންގުޅުނު ގެރިބަކަރިތައް ލޫޓުވައިލި އެވެ. އަދި އަހަރެންގެ ބަނޑަށް ބަޑި ޖެހި އެވެ. އަހަރެންގެ ބަނޑަށް ބަޑި ޖެހުމުން އަހަރެންގެ ދަރިފުޅު އަހަރެން ޑޮކްޓަރަށް ދައްކަން ގެންދިޔަ އެވެ. ނަސީބަކުން މާ ފުނަށް އުންޑަ ވަދެފައެއް ނެތެވެ. އަދި އެނބުރި އައިއިރު އަހަރެމެންގެ ގޭގައި އެމީހުން ހުރީ އަލިފާން ރޯކޮށްލާފަ އެވެ.
އަހަރެންގެ ދަރިފުޅު އަހަރެން ގޮވައިގެން ޖަންގަލިން، ފަރުބަދަތައް މަތިން ދަނިކޮށް ދަރިފުޅުގެ އަނބިދަރީން ފެނުނެވެ. ތިން ދުވަސް ވަންދެން ޖަންގަލީގައި ނިދީމެވެ. އަހަރެމެން އެއްވެސް އެއްޗެއް ނުގެންނަމެވެ. އެއީ އަހަރެން އުފުލީ އަހަރެންގެ ދަރި ކަމުގައިވާތީ އެވެ. އަދި އަހަރެންގެ ދަރީގެ އަނބިމީހާގެ އުރުގައިވެސް ކުޑަ ދެކުދީން ތިބީތީ އެވެ. އަހަރެމެންނަށް ބަންގްލަދޭޝް އާއި ހަމައަށް އާދެވުނީ 12 ދުވަހުންނެވެ.
އަހަރެން މިތާނގައި މިހުރީ އުފަލުންނެވެ. އަހަރެންގެ ބަނޑަށް ވަޒަން އެރުމުން ލިބުނު ޒަހަމްވެސް އަންނަނީ ރަނގަޅުވަމުންނެވެ. އެހެނަސް އަހަރެމްނެ ކާނެ އެކައްޗެއްވެސް ނެތެވެ. އަދި އެއްވެސް އެހީތެރިކަމެއް ނުލިބެ އެވެ. އަހަރެން މިހުރީ ވަރަށް ބަނޑުހައިވެފަ އެވެ.
އެނބުރި ގައުމަށްދާން އަހަރެންގެ ދަރިފުޅު ބޭނުންވެދާނެ އެވެ. އެހެނަސް އަހަރެން އެތަނަށް ދާކަށް ބޭނުމެއް ނޫނެވެ. އެތާނގައި އެއްވެސް ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަހަރެމެން ޖެހޭނީ މިތާނގައި ދިރިއުޅުން ކުރިއަށްގެންދެވޭތޯ މަސައްކަތް ކުރާށެވެ"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް