ބޯ ވާރޭގައި ދެ އަހަރުގެ ދަރި އުރައިގެން އާރިފާ އެހުރީ ކާއެތިކޮޅެއް ލިބޭތޯ !

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި އަޅާފައިވާ ކޭމްޕްތައް ވަނީ ފުރި ބާރުވެފަ އެވެ. އެއީ ދެ ލައްކަ ފަންސާސް ހާސް މީހުންގެ ޖާގައިގެ ކޭމްޕްތަކެކެވެ. ނަމަވެސް މިދިޔަ މަހުގެ 25 އިން ފެށިގެން މިހާތަނަށް ހަތަރު...

18 Sep 2017 | 10:44

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި އަޅާފައިވާ ކޭމްޕްތައް ވަނީ ފުރި ބާރުވެފަ އެވެ. އެއީ ދެ ލައްކަ ފަންސާސް ހާސް މީހުންގެ ޖާގައިގެ ކޭމްޕްތަކެކެވެ. ނަމަވެސް މިދިޔަ މަހުގެ 25 އިން ފެށިގެން މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ، ރޮހިންޖާ މުސްލިމުންވަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށް ޖަމާވެފަ އެވެ. އެއީ މިޔަންމާގެ ސަރުކާރުން ރޮހިންޖާގެ މުސްލިމުން މަރަމުން އަންނާތީ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެ ސަރަހައްދަށް ޖަމާވަމުން އަންނަ މީހުންނެވެ. އެމީހުން އެ ސަރަހައްދަށް އެ ޖަމާވަނީ ނަފް ކޯރު ހުރަސް ކުރުމަށްފަހު އަދި އެ ކޯރާއި ބަންގްލަދޭޝްގެ ބޯޑަރާއި ދެމެދުގައި އޮންނަ ޗަސް ބިމެއް ހުރަސް ކުރުމަށްފަހުގަ އެވެ. އެ ޗަސްބިން ހުރަސް ކުރެވެނީވެސް 11ގަޑިއިރުން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮކްސް ބާޒާރުގެ ޚަލުބަލީ ސަރަހައްދަކީވެސް ގިނަ އަދަދެއްގެ ރޮހިންޖާ މުސްލިމުން ޖަމާވެފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުން އަންނައިރު އުމުރުން ދެ އަހަރުގެ ދަރި އުރައިގެން ތެމި ފޯވެގެން، އުމުރުން 40 އަހަރުގެ އާރިފާ އެހުރީ ކާއެތިކޮޅެއް ލިބޭނޭ ކަމުގެ އުންމީދުގައި ކަމަށް އާރިފާ ބުންޏެވެ.

އެމީހުން އެތާނގައި އެ ތިބެނީ އެހީގެ ތަކެތި ގެނެސްދޭ ލޮރީތައް އެ ސަރަހައްދަށް އަންނާތީ އެވެ. ޖަމާވެފައިތިބި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަދި އެ އަންހެނުންގެ ތެރެއިންވެސް ގިނައީ އެމީހުންގެ ކޮނޑުމަތީގައި ދަރިން އުރައިގެން ތިބި މީހުންނެވެ.

"އަހަރެން އަތަކު ކާނެ އެއްޗެއް ނެތް، ބޯހިޔާކޮށްލަން ވަންނާނެ ތަނެއް ނެތް، ކައްކާނެ އެއްޗެއް ނެތް، އަހަންނަށް އަދި އެއްވެސް އެހީއެއް ނުލިބޭ" އުމުރުން 40 އަހަރުގެ އާރިފާ ބުންޏެވެ.

އާރިފާ އެ ސަރަހައްދަށް އައީ މީގެ ދެ ދުވަސް ކުރިންނެވެ. އާރިފާ ނިސްބަތްވަނީ ރަކީން ސްޓޭޓްގެ އަކްޔަބް ޑިސްޓްރިކްޓްގެ ލަމްބަގޫނާ އަވަށަށެވެ. އާރިފާ ބުނީ އޭނާގެ ފިރިމީގެ ބޮލަށް ބަޑިޖަހާ މަރާލާފައި ވާކަމަށެވެ. އާރިފ ބުނެފައިވާގޮތުގައި އެ ސަރަހައްދަށް އައިފަހުން އޭނާއަށް އަދި ލިބުނުހާވެސް އެއްޗަކީ މީހަކު ހިއްސާކުރި ސަތަރިކޮޅެކެވެ. ފާއިތުވި ދެރޭ އޭނާ ނިދީ އެ ސަތަރިކޮޅުގެ ނިވަލުގަ އެވެ.

މިއީ ހަމައެކަނި އާރިފާގެ ހާލެއް ނޫނެވެ. ކޮކްސް ބާޒާރުގެ ކޭމްޕްތައް ފުރި ބާރުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ ބަނޑުހައިހޫނުކަން ތަހަންމަލު ކުރަމުންނެވެ. އެހީދޭ ޖަމާއަތްތަކުން ބުނަމުން އަންނަނީ ހަތަރު ލައްކަ ރެފިއުޖީންނަށް އެހީދެވޭވަރަށް އެހީލިބިފައިނުވާކަމަށާއި ވީ އެންމެ އަވަހަކަށް އިތުރު އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް