މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމްގެ ދަށުން އަންނަ އަހަރު އިތުރު 7،000 ފްލެޓު ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ އެ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެ ފުރުސަތުގައި ފޯމް ލާންޖެހޭނީ އަލަށް އެ ފްލެޓުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަނި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ތިން އަހަރު ކުރިން އިއުލާނު ކުރި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމަށް ފޯމުލީ 15،000 ށްވުރެ ގިނަ ފަރާތްތަކުގެ ތެރެއިން މިފަހަރު ފްލެޓު ނުލިބުނު 14،000 ށްވުރެ ގިނަ މީހުން އަލުން ފޯމް ލާން ނުޖެހޭނެ ކަމަށެވެ. އެމީހުން ޖެހޭނީ މައުލޫމާތު ބަދަލުވެފައިވާ ނަމަ އެކަންކަން ރަނގަޅު ކުރަން ކަމަށެވެ.
"މިފަހަރު ފްލެޓު ނުލިބޭ މީހުން ނުޖެހޭނެ އަލުން ފޯމު ލާކަށް. އެމީހުން ޖެހޭނީ މައުލޫމާތު ބަދަލުވެފައިވާނަމަ އެކަންކަން ބަދަލު ކުރަން. މިސާލަކަށް ހުންނާނެ ދެއްތޯ، ދަރިންގެ އަދަދަށް ބަދަލު އައިސްފައިވާ މީހުން،" މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އަންނަ އަހަރު ދޫކުރާ 7،000 ފްލެޓު ދޫކުރާނީ އަލަށް ފޯމްލާ މީހުންނާއި މިފަހަރު ފްލެޓު ނުލިބޭ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް ކަމަށެވެ. އެކަމަކު މި ފްލެޓުތަކުގެ މަސައްކަތް ނިމޭނެ ތާރީހެއް ނުވަތަ ފޯމް ލާން ހުޅުވާލާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ހުޅުމާލެގައި މިހާރު އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބޭ 661 މީހެއްގެ ފޯމު ނަމްބަރު މިދިޔަ ހަފްތާގައި މިނިސްޓްރީން ވަނީ އާންމުކޮށްފައި އެވެ. އެ ލިސްޓުގައި ފްލެޓު ލިބުނު މީހުންގެ މައުލޫމާތު އާންމު ނުކުރާތީ ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
އެކަމަކު މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެއީ ޒާތީ މައުލޫމާތު ކަމަށްވާތީ މި ސަރުކާރުން ދޫކުރާ ފްލެޓުތައް ލިބޭމީހުންގެ މައުލޫމާތު އާންމު ނުކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް