މ. މަޑުއްވަރިން އިއްޔެއިން ފެށިގެން ގެއްލިގެން ހޯދަމުންދާ އުމުރުން ދުވަސްވީ މީހާ ހޯދުމަށް އެމްއެންޑީއެފް ހެލިކޮޕްޓަރު ކުރަނގި ބޭނުން ކުރަން ފަށައިފި އެވެ.
މޫދަށް ދިޔަ ގޮތަށް ގެއްލިގެން ހޯދަމުން ދަނީ މ. މަޑުއްވަރީ އާބާދީ ގުލްޝަންގޭ 60 އަހަރުގެ އިބްރާހިމް ކިޔާ މީހެކެވެ. އެމީހާ އެންމެ ފަހުން ފެނިފައިވަނީ އެރަށު ފުއްޓަރު ފަރާތުގައި އިއްޔެ ހެނދުނު 07:30 ހާއިރު ފައިގައި ވެލިމޮޑެން އިންދައެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެމީހާ ހޯދުމަށް ހެލިކޮޕްޓަރު ބޭނުން ކުރަން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ން ފެށިގެން ކަމަށެވެ. އަދި ކަނޑުގެ ސަރަހައްދު ބެލުމަށް ކޯސްޓްގާޑުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމީހާގެ ހަބަރެއް މިހާތަނަށް ވެފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އިބްރާހިމްބެ ލައިގެން ހުރި މުންޑު ވަނީ އާއިލާ މީހަކަށް އެ ރަށު ހުޅަނގު ފަރާތު މޫދުން އިއްޔެ ފެނިފަ އެވެ.
އޭނާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކުރީ އިއްޔެ ހެނދނު 9:30 ހާއިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް