މިސްރުގެ މޭސްތިރިކަމުގައި ފަލަސްތީނުގެ ފަތަހަ ޖަމާއަތާއި ހަމާސް ޖަމާއަތް އެއްގަލަކަށް

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތާއެކު މިސްރުން ކުރިއަށްގެންދާ މަޝްވަރާތަކުގައި، އެ ދެ ޖަމާއަތް އެއްގަލަކަށް އަރަން ތައްޔާރުވެއްޖެ އެވެ. ފަލަސްތީނުގައި ގާޒާ ކޮންޓްރޯލް ކުރަމުން އަންނަނީ ހަ...

17 Sep 2017 | 22:10

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތާއެކު މިސްރުން ކުރިއަށްގެންދާ މަޝްވަރާތަކުގައި، އެ ދެ ޖަމާއަތް އެއްގަލަކަށް އަރަން ތައްޔާރުވެއްޖެ އެވެ.

ފަލަސްތީނުގައި ގާޒާ ކޮންޓްރޯލް ކުރަމުން އަންނަނީ ހަމާސް ޖަމާއަތުންނެވެ. ފަތަހަ ޖަމާއަތަކީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ނިސްބަތްވެވަޑައިގަންނަވާ ޖަމާއަތެވެ.

މަޝްވަރާތަކަށްފަހު ހަމާސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ގައުމީ އެއްބައިވަންތަކަށް ގެނައުމަށް މިސްރުން އެދޭ އެދުމާއި އެއްގޮތަށް އަދި މަޝްވަރާތަކުގައި ވާހަކަ ދެކެވުނު ގޮތަށް  ގުޅިފައިވާ ސަރުކާރެއް އެކުލަވާލައި އިންތިހާބެއް ކުރިއަށް ގެންދިއުމަށް ހަމާސް ޖަމާއަތުން އޮތީ ތައްޔާރަށް ކަމަށެވެ.

ހަމާސް ޖަމާއަތުން މިހެން ބުނެފައިވާއިރު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިސްރުގަ އެވެ. މަޝްވަރާތަކުގައި ހަމާސްގެ އޮފިޝަލުންނާއި ފަތަހަ ޖަމާއަތުގެ އޮފިޝަލުން ބައިވެރިވެފައިވެ އެވެ.

ހަމާސް އިން މިގޮތަށް އިއުލާނު ކޮށްފައިވީނަމަވެސް އަދިވެސް މިކަމުގައި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެއްކަމަކީ މިކަމާއިބެހޭގޮތުން ފަތަހަ ޖަމާއަތުން އެއްޗެކޭ ބުނެފައި ނުވުމެވެ. އަދި އަނެއް ކަމަކީ ގާޒާގައި ބާރު ހިންގުމުގައި މުހައްމަދު ދަހްލާން އާއެކު ހަމާސް އިން ވެފައިވާ އެއްބަސްވުމާއިމެދު ހަމާސް އިން އަމަލުކުރާނެ ގޮތެއް ހާމަކޮށްފައި ނުވުމެވެ. ދަހްލާން އަކީ ކުރިން މަހްމޫދު އައްބާސް ފަޅީގައި ހުންނެވި ބޭފުޅެކެވެ. ފަހުން ދެކޮޅުވެ ހަމާސް އާއެކު އެއްބަސްވުމަކަށް ވަނީ ގޮސްފަ އެވެ.

ހަމާސް އިން އިތުރަށް ބުނެފައިވަނީ އެ ޖަމާއަތުން އެކުލަވާލާފައިވާ އެޑްމިނިސްޓްރޭޓިވް ކޮމިޓީ އުވާލާފައިވާކަމަށެވެ. ހަމާސް އިން މި ކޮމިޓީއެއް އެކުލަވާލީ މި އަހަރުގެ މާރިޗް މަހުގެ ތެރޭގަ އެވެ. މި ކޮމިޓީ އެކުލަވާލުމާއިއެކު ގާޒާއަށް ދަތިތަކާއި ފިއްތުންތަކެއް ކުރިމަތިވެގެން ދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކަރަންޓުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެގެން ދިޔަ ކަމެވެ.

ހަމާސް ޖަމާއަތުން ގާޒާގެ އެންމެހާ ކަންކަން ބަލަހައްޓަމުން އަންނަން ފަށާފައިވަނީ 2007 ވަނަ އަހަރުގަ އެވެ. އެ އަހަރުގެ ދާހިލީ ހަނގުރާމައަށްފަހުގަ އެވެ. ހަމާސްއިން އޭގެ ފަހުން ގާޒާގެ ދިފާއުގައި ތިން ހަނގުރާމައެއް ކޮށްފައި ވެ އެވެ. އަދި ގާޒާގައި މުސްލިމުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ހަމާސްއިން އަންނަނީ އަބަދުވެސް ހަނގުރާމަކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް