އިންޓަނެޓުން މުޅި ދުނިޔެ ގުޅާލައި ދުނިޔެ ކުޑަކޮށްލާފައިވީނަމަވެސް އިންޓަނެޓަށްވަދެ އުޅޭއިރު ދިމާވާ އެންމެ ބޮޑު އުނދަގުލަކަށް މިހާރުވެފައިއޮންނަނީ އިސްތިހާރުތަކުގެ އުނދަގޫ ބޮޑުވުމާއި އޮޓޯއިން ޕްލޭވާ ވީޑިއޯތަކުގެ އުނދަގޫ ބޮޑުވުމުވެ. އޮޓޯއިން ޕްލޭވާ ވީޑިއޯތަކުގެ ސަބަބުން ޑާޓާ ހަރަދު އިންތިހާއަށް ބޮޑުވެގެން ދެ އެވެ. މިކަމަށް ހައްލެއް ބޭނުންވެ އެވެ.
ގޫގަލް އިން މިވަނީ މިކަމަށް ހައްލެއް ގެންނާނެކަން އިއުލާނު ކޮށްފަ އެވެ. ގޫގަލްގެ ވެބް ބްރައުޒަރ ކްރޯމްގެ ކުރިއަށްހުރި އަޕްޑޭޓްތަކުގައި މިކަމަށް ރަނގަޅު ހައްލެއް އަންނާނެ ކަމުގައި ގޫގަލްއިން މިވަނީ ބުނެފަ އެވެ.
ގޫގަލް އިން ހާމަކޮށްފައިވާގޮތުގައި އެގޮތުން ގެންނާނެ އެއް ހައްލަކީ "އޮޓޯ ޕްލޭ" ވީޑިއޯތައް އޮޓޯއިން ޕްލޭވުމުގައި މިންގަނޑުތަކެއް ކަނޑައެޅުމުންނެވެ. އެގޮތުން ވީޑިއޯއެއްގައި އަޑު ނުހިމެނޭނަމަ އޮޓޯ ޕްލޭ ނުވާނެ އެވެ. އަދި އެ ވެބްސައިޓަކީ ބްރޯޒް ކުރާ މީހާ އަލަށް ވަންނަ ވެބްސައިޓެއް ނަމަ، ނޫން ނަމަ އެ ވީޑިއޯއަކަށް އެމީހާ އެއްވެސް ޝައުގެއް ފާޅު ނުކުރާ ނަމަ ވީޑިއޯ އޮޓޯ ޕްލޭއެއް ނުވާނެ އެވެ. ޝައުގު ފާޅުކުރުމޭ ބުނެފައި އެވަނީ އެ ވީޑިއޯއެއްގެ މައްޗަށް ކާސާ ގެންދިއުން، އެ ވީޑިއޯއެއް ހިމެނޭ ވެބްސައިޓުން މީގެ ކުރިންވެސް ވީޑިއޯ ބަލާފައި ވުން ނުވަތަ އެ ވިޑީއޯއެއް ހިމެނޭ ވެބްސައިޓެއް ބުކްމާކް ކޮށްފައިވުން، މިފަދަ ކަންކަމަށެވެ.
މީގެ އިތުރުން މޯބައިލްފޯނުގައި މިހާރުވެސް އިންނަ ފީޗަރއެއް ކަމުގައިވާ "ބްލޮކް އޮޓޯ ޕްލޭ" ފީޗާގެ ބަދަލުގައި ޑާޓާ ސޭވަރ މޯޑް އޮންކޮށްލުމުން ފޯނުން ވީޑިއޯ އޮޓޯ ޕްލޭ ނުވާނެ ކަމަށްވެސް ގޫގަލް އިން ބުނެފައި ވެ އެވެ.
ގޫގަލް އިން ކްރޯމަށް މި ބަދަލުތައް ގެންނާނެ ކަމަށް ބެލެވެނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން އޮކްޓޯބަރުގައި ނިކުންނަ ކްރޯމްގެ 63 ވަނަ ވާސަން އާއެކު މި ބަދަލު ފެންނަން ފަށާނެ ކަމަށާއި އަދި އަންނަ އަހަރު ރިލީޒްކުރާ 64 ވަނަ ވާސަންއާއެކު މި ހިދުމަތް އެންމެ ފުރިހަމައަށް ލިބޭނެ ކަމަށް ގޫގަލް އިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް