މިޔަންމާގެ ސަރުކާރުން އެގައުމުގެ މައިނޯރިޓީ ކަމުގައިވާ ރޮހިންޖާ މުސްލިމުން މަރާތީ އެގައުމުގެ އެތައް ލައްކަ މުސްލިމުންނެއް ފުރާނަ ސަލާމަތް ކުރުމަށް އަވަށްޓެރި ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށް ޖަމާވެފައިވާއިރު އެ ސަރަހައްދުގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާއެއްގައި ފިތި ބާރުވެގެން ތިން މީހަކު ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ކުޑަ ދެކުދިންނާއި އަންހެނެކެވެ. އެމީހުން މަރުވާން ދިމާވީ ލޮރީއަކުން އަންނައުނު ބެހި ވަގުތު އެތަނަށް މީހުންތައް ޖަމާވެ ފުނިޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ކޮކްސް ބާޒާރުގެ ބަލޫޚާލީ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި އެކަނިވެސް ގާތްގަނޑަކަށް ލައްކައެއްހާ، ރޮހިންޖާ މުސްލިމުން ތިބޭނެ ކަމަށް އދ އިން ބުނެ އެވެ.
އދ އޭޖެންސީތަކާއި ޗެރިޓީގެ އިތުރު ދެ ޖަމާއަތަކުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ހުއްދަ ހޯދުމެއްނެތި ލޮރީއަކުން އަންނައުނު ބަހަން ފެށުމުން ކަމަށެވެ.
ކޮކްސް ބާޒާރަށް މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ، ރޮހިންޖާ މުސްލިމުން ޖަމާވެފައިވާއިރު އެކަށީގެންވާ އެހީތެރިކަން ނުލިބޭތީ މިފަދަ އެތައް ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރު އިންތިހާއަށް އުފެދިފައިވާކަމުގައި އެހީދޭ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް