ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑަކްޓަރީ ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތެއް ކަމުގައިވާ ޙުސައިން ޢިރުފާން، ގަސްދުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ މީރާއިން ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ޓެކްސް ދައްކާ ފަރާތުން ޓެކްސް އަހަރު 2018 އަދި 2019 އަށް ހުށަހަޅައިފައިވާ ބީ.ޕީ.ޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމަނައިފައިވާކަމަށް ތުހުމަތުކުރެވޭތީ، އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ބެލެވޭތީ މީރާއިން ތަހުގީގުކުރަން ފެށި މައްސަލައެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޙުސައިން ޢިރުފާނަކީ ރާއްޖޭގައި ޑަކްޓަރީ ބޭސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ފަރާތެކެވެ. އަދި އެ ފަރާތުގެ ހޯލްސޭލް ވިޔަފާރިކަމުގައިވާ "މައި ކެމިސްޓް ގޯޑައުން"އާ ގުޅޭ އާމްދަނީ އެއްވެސް ވަރަކަށް އެ ފަރާތުން 2018، 2019 އަދި 2020 ވަނަ އަހަރަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. މި ގޮތުން ޓެކްސް ދައްކާ ފަރާތުން އެވަރެޖްކޮށް އަހަރަކު 53 މިލިއަން ރުފިޔާގެ އާމްދަނީ މީރާއަށް ރިޕޯޓްކޮށްފައިނުވާއިރު، މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި ޖުމުލަ 12 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އެ ފަރާތަށް އަންގައިފައިވެއެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ. މި ގޮތުން، ޓެކުހާ ގުޅުންހުރި ކުށްތައް ކުރަމުންދާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި މީރާއިން ޖިނާއީ ތަހުގީގުތައް ކުރަމުން ގެންދެއެވެ. އަދި ތަހުގީގުގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި މީރާއިން ޓެކްސް ދައްކާ ފަރާތްތަކުގެ ވިޔަފާރި ހަރަކާތްތަކާއި ވިޔަފާރިއާ ގުޅޭ ލިޔެކިޔުން ބަލަހައްޓާ ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށް މީހުން ހާޒިރުކޮށް ބަޔާން ނެގުމަކީވެސް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން މީރާއަށް ލިބިދީފައިވާ ބާރުތަކެކެވެ.
އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ޝައްކު ކުރެވޭނަމަ އެ މައުލޫމާތު މީރާއާ ހިއްސާކުރެއްވުމަށް "މީރާ 918 – މައްސަލަ ހުށަހަޅާ ފޯމު" މީރާގެ ވެބްސައިޓްގައިވާ "ވިސްލް ބްލޯވިންގ" ފަންކްޝަން މެދުވެރިކޮށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް