ޑިސެމްބަރަށް ބޮޑުޗުއްޓީ ބަދަލުކުރާ ވާހަކަ ބުނުމުން ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން ލިބެން ފަށައިފި ކަމަށް ބުނަމުން، އެކަމަށް އޮތް ހައްލު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒުގެ ވެރިކަމެއްގައި ސްކޫލުތަކުގެ ބޮޑު ބަންދު ޑިސެމްބަރަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ރިޔާސީ ކެމްޕޭނަށް ދ. ކުޑަހުވަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ނަމަވެސް އިއްޔެ މުއިއްޒު ވިދާޅުވެފައި ވަނީ، ކެމްޕޭން ޖަލްސާގައި އިޢުލާން ކުރެވުނު ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރ އަށް ބަދަލު ކުރުމާއި މެދު ރިސޯޓު ތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ކަންބޮޑުވުންތައް ލިބެމުންދާ ކަމަށާއި އެ ކަންބޮޑުވުމަށް ޙައްލު ގެނެސްދޭނެ ކަމަށެވެ.
އެގޮތުން ރޭ ފ. ނިލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އަހަރު މެދުތެރެއިން އަންނަ ޖޫން/ޖުލައި އަށް ސްކޫލު ބޮޑު ޗުއްޓީ ބަދަލު ކުރި ނަމަވެސް އަހަރު މެދުން ހަތަރު ހަފްތާގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.
އެގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ގެއްލުން ނުވާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވާ ވާހަކައަކީ ޑިސެމްބަރަށް ކުރީގައި އޮތް ގޮތަށް ބޮޑު ޗުއްޓީ ބަދަލު ކުރުމަކުން ޓޫރިޒަމް ސެކްޓާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާއިލާތަކަށް އެއްވެސް ގެއްލުމެއް ލިބުނަކު ނުދޭނަމޭ" މުއިއްޒު ވިދާޅުވިއެވެ.
ސްކޫލުގެ ބޮޑު ޗުއްޓީގެ ދުވަސްވަރު އަހަރު މެދަށް ބަދަލު ކުރަން ނިންމީ ކަމާބެހޭ މާހިރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބޮޑުޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރުމާ ބެހޭގޮތުން މީގެ ކުރިން މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ކަންކަން ކޮށްދެނީ ރައްޔިތުން ބޭނުންވާ ގޮތް ވިސްނައިގެން ނޫން ކަމަށެވެ. ރައްޔިތުންނަށް ފަސޭހަވަނީ ކޮން ގޮތެއްކަންވެސް ނުބަލާ ކަމަށެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ، ދިރާސީ އަހަރުގެ ބޮޑު ބަންދު ޖުލައިމަހާ ދިމާވާ ގޮތަށް މި ސަރުކާރުން ބަދަލު ކުރީ، މާބޮޑު ދިރާސާއެއް ނެތި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ބައެއް ފަރާތްތަކަށް ފަސޭހަވާނެ ކަމަށް ބުނަމުން ކަމަށެވެ.
ނަމަވެސް އެއީ ވިއްސާރަ ދުވަސްވަރަކަށް ވާތީ، މޫސުން ގޯސްވެގެން ބަންދުގައި ދަތުރު ކުރުމަށް ދަތިވާ ކަމަށާއި، ޖުލައި 26 ގެ ހަރަކާތްތަކުގައި ކުދިން ބައިވެރިވެ، ފަރިތަކުރަން މަޑުކުރަން ޖެހުމުގެ ސަބަބުން ބަންދުގެ ބޮޑުބައެއް ގެއްލޭ ކަމަށެވެ.
ނަމަވެސް ދެން ބޮޑު ބަންދު ޑިސެމްބަރަށް ބަދަލު ކުރެވޭނީ 2025 ވަނަ އަހަރުގެ ދިރާސީ އަހަރާ ދިމާކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން މުއިއްޒުގެ ވެރިކަމެއްގައި އެކަން އެގޮތަށް ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް