މާބަނޑު އަންހެނުން ފަހު ތިންމަހު އެނގުން މުހިންމު ކަންތައްތައް

މާބަނޑު އަންހެނުންގެ ތިންވަނަ ޓްރެމިސްޓަރ އަކީ ފަހު ތިންމަހެވެ. އެއީ 7،8 އަދި 9 ވަނަ މަހެވެ. މިއީ ދަރިފުޅު ދެކިލުމަށް ހޭދަކުރާނެ ފަހު ދުވަސްތަކެވެ. މި ދުވަސްވަރަކީ ދަރިފުޅު ދެކިލުމަށް ކެތްމަދުވެ އަދި ...

18 Aug 2023 | 10:48

މާބަނޑު އަންހެނުންގެ ތިންވަނަ ޓްރެމިސްޓަރ އަކީ ފަހު ތިންމަހެވެ. އެއީ 7،8 އަދި 9 ވަނަ މަހެވެ. މިއީ ދަރިފުޅު ދެކިލުމަށް ހޭދަކުރާނެ ފަހު ދުވަސްތަކެވެ.

މި ދުވަސްވަރަކީ ދަރިފުޅު ދެކިލުމަށް ކެތްމަދުވެ އަދި އެހާމެ ކަންބޮޑުވެވޭ ދުވަސްކޮޅެއްމެއެވެ.

ތިންވަނަ ޓްރެމިސްޓަރ ހަމަޖެހި، އުފާވެރިކަމާއެކު ހޭދަކުރުމަށް ވިސްނަން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އެފަދަ ޓިޕްސްކޮޅެއް ދީފާނަމެވެ.

ދިގު ދަތުރުތައް ނުކުރުން

މި ދުވަސްވަރު ދަތުރު ކުރުމަކީ އިންފެކްޝަންއަށް މަގުފަހިވުން ފަދަ ސިއްހީ މައްސަލައަކާ ކުރިމަތި ވެދާނެ ކަމެކެވެ. ދިގު ދަރުތުގައި ގިނަ ވަގުތު އިށީނދެގެން އިނުމުގެ ސަބަބުން ވެސް އުނދަގޫތަކާ ކުރިމަތިވެއެވެ.

ނަމަވެސް ދިގު ދަތުރު ކުރަން ވެއްޖެ ނަމަ ވިސްނަންވީ ކަމަކީ އިށީނދެގެން އިންނަ ގޮތް ބަދަލު ކޮށްލުމާއި، ފަޔަށް ފަސޭހަކޮށް އިނުމާއި، ކޮންމެ ގަޑިއިރަކުން ނުވަތަ ދެ ގަޑިއިރުން ތެދުވެލައި ހިނގާލެވޭތޯ ބެލުމެވެ.

ބަލިވެ އިންނައިރު ދަތުރުކުރާނަމަ ޑޮކްޓަރުގެ ލަފާ ހޯދާލުން މުހިންމެވެ.

ބަނޑު ތޮޅޭގޮތް ބެލެހެއްޓުން

ބަރާބަރަށް ބަނޑު ތޮޅޭނަމަ އެއީ ރަނގަޅު ފާލެކެވެ. ބަނޑަށް ދުވަސްވާ ވަރަކަށް ދަރިފުޅު ތޮޅޭ މިންވަރު އިތުރުވާކަން ފާހަގަ ވާނެއެވެ. އަދި ދަރިފުޅު ބޮޑުވަމުންދާ ވަރަކަށް ތޮޅިލާ މިންވަރު ބާރުވާނެއެވެ.

ފަހު ޓްރެމިސްޓަރގައި ބަނޑު ތޮޅޭ މިންވަރު ދެނެގަނެވިފައި ހުރުން މުހިންމެވެ.

އަދި މި ދުވަސްވަރު ތޮޅުން ދަށްވާނަމަ ޑޮކްޓަރަށް ދައްކާލުން ބުއްދިވެރި ވާނެއެވެ. އޭރުން ބަނޑުގެ ތޮޅުން ކުޑަވާ ސަބަބު އެނގި، އެއްވެސް މައްސަލައެއް ހުރިތޯ ޔަގީން ކުރެވޭނެއެވެ.

އުއްޑުން ނުނިދުން

މާބަނޑު ދުވަސްވަރު، ހާއްސަކޮށް ބަނޑު ބޮޑުވެ ބަރުވަމުންދާއިރު އުއްޑުން ނިދުމަކީ އުނަގަނޑަށް ތަދުވުމަށް މަގުފަހިވާނެ ކަމެކެވެ. އަދި ހާއްސަކޮށް ފަހު ތިން މަހަކީ ބަނޑު އެންމެ ބޮޑުވާ ދުވަސްވަރު ކަމުން، އުއްޑުން އޮންނަ ނަމަ ޔޫޓްރަސްގައި ލޭ ދައުރުވުމާލެއް މަދުވާނެއެވެ.

އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެއް އަރިއަކަށް އޮތުމެވެ. ވާއަތް ފަރާތަށް އޮތުން ރަނގަޅުވާނެއެވެ.

އަރިއަކަށް އޮވެ ނިދާއިރު ބުރަކަށީގައި ޖެހޭގޮތަށް އެއް ބާލީސް ބޭއްވުމަށްފަހު ދެފައިގެ ދެމެދަށް އިތުރު ބާލީހެއް ލުމުން ބުރަކައްޓަށް ހަމަހަމަ ސަޕޯޓެއް ލިބި، ނިދާލަން ފަސޭހަ ވާނެއެވެ.

ކަސްރަތު ކުރުން

މާބަނޑު ދުވަސްވަހުގެ ފަހު މަސްތައް ގުނާއިރު ކުރުމަށް ވަކި ބާވަތެއްގެ ކަސްރަތުތަކެއް ހުރެއެވެ. އޭގެ ސަބަބުން ވިހަން ފަސޭހަވެ، އަވަހަށް ވިހެއުމަށް މަގުފަހި ކޮށްދެއެވެ.

އޭގެ އިތުރުން ކަސްރަތުގެ ސަބަބުން ވިހެއުމަށްފަހު ކުރިމަތިވާ ކަންތައްތަކުން އަރައިގަންނަން ފަސޭހަވެއެވެ.

މާބަނޑު އަންހެނުންނަށް ކުރަން ހާއްސަކޮށްފައިވާ ކަސްރަތުތަކުގެ ސަބަބުން ވަކި މަސްތަކެއްގެ ބާރު ޖެހި، ވިހާ ގަޑީގައި އެކަމުގެ ފަސޭހަ ވަނެއެވެ. ނަމަވެސް ކަސްރަތު ކުރަން ފަށަން ވާނީ ޑޮކްޓަރާ ވާހަކަ ދެއްކުަމށްފަހުގައެވެ.

މަސާޖެއް ލިބިގަތުން

މާބަނޑު ދުވަސްވަރަކީ ހަށިގަނޑުގެ މަސްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. އެ ދުވަސްވަރުގައި އުނަގަނޑުގައި ރިހުމާއި ނިދަން އުނދަގޫވުން ފަދަ އެތައް ކަމެއް އަންހެނުން ތަޖުރިބާ ކުރެއެވެ.

މާބަނޑު އަންހެނުންނަށް ހާއްސަ މަސާޖެއް ލިބުގަތުމުން ކަންބޮޑުވެ ހާސްވުމުން ދުރުކޮށްދީ، ވިހެއުމަށް ތައްޔާރުވާން މަގުފަހިކޮށްދެއެވެ.

ކިރުދިނުމާ ބެހޭ ރަނގަޅު މައުލޫމާތު ހޯދުން

މާބަނޑުގެ ފަހު ދުވަސްވަރު، ގާތުން ދިނުމާ ބެހޭ ރަނގަޅު މައުލޫމާތުތައް ހޯދުން މުހިއްމެވެ. އޭގެ ސަބަބުން ވިހެއުމަށްފަހު ގާތުން ދޭއިރު ދިމާވެދާނެ ދަތިތައް ކުރިއާލާ އެނގިފައި ހުންނާނެއެވެ.

ގާތުން ދިނުމާބެހޭ މައުލޫމާތު ހޯދާފައި ބެހެއްޓުމުގެ ފައިދާ ދަރިފުޅަށާއި މައިމީހާއަށްވެސް ކުރާނެއެވެ. އަދި އޭގެ ސަބަބުން ހިތުގައި އުފެދިފައި ހުރި ސުވާލުތަކުގެ ޖަވާބުވެސް ކުރީބައިގައި ލިބިގެންދާނެއެވެ.

އެކަމުގައި އެ ދާއިރާއިން ހާއްސަވެފައިވާ މީހެއްހެ އެހީ ހޯދިދާނެއެެވެ. އަދި މައުލޫމާތު ލިބޭ ފޮތްތައް ކީދާނެއެވެ. ވިހެއުމާއި ގާތުން ދިނުމުގެ މައުލޫމާތު ހޯދާބަލައި ކިޔައި ހެދުމުގެ ސަބަބުން މީހާ ވިހެއުމަށާއި ގާތުން ދިނުމަށް ރަނގަޅަށް ތައްޔާރު ކޮށްދެއެވެ.

ހޮސްޕިޓަލް ދަބަސް ތައްޔާރު ކުރުން

މާބަނޑު ދުވަސްވަހުގެ ފަހު ތިން މަހަކީ ހޮސްޕިޓަލަށް ގެންދާ ދަބަސް ތައްޔާރު ކުރާ ދުވަސްވަރެވެ. އޭގައި ކުޑަދަރިފުޅުގެ އެއްޗެއްސާއި މައިމީހާގެ އެއްޗެހި ކުރިއާލާ ހަމަކޮށްފައި ބެހެއްޓުން ބުއްދިވެރިއެވެ.

ވިހެއުމަށް ހޮސްޕިޓަލަށް ދާއިރު ބޭނުންވާނެ ތަކެތީގެ ލިސްޓެއް ހަދާށެެވެ. އަދި ކުރިއާލާ އެއްޗެހި ހަމަތޯ ބަލާށެވެ.

އޭގެ އިތުރުން ގޭގައި އިތުރު ދަރިން ތިބޭނަމަ، އެކުދިން ބަލާނެ މީހަކު ކަނޑަ އަޅާށެވެ. އަދި ގުރާ ފަދަ އެއްޗެއް ގެންގުޅޭނަަވެސް އެއާމެދުު ކަންތައް ކުރާނެ ގޮތްވެސް ނިންމާށެެވެ.

ވިހެއުމަށްފަހު ހަރަދުތައް ހުންނާނެ ގޮތުގެ ޕްލޭނެއް ހެދުން

ދަރިއެއް ވިހެމާއެކު ހަރަދުތައްވެސް އިތުރު ވާނެއެވެ. ސަބަބަކީ ދަރިފުޅަށް ބޭނުންވާ ބައިވަރު އެއްޗެހި ގަންނަން ޖެހޭނެތީއެވެ. އެހެންކަމުން ކުރިއާ ހިލާފަށް ހަރަދުތަކަށް އިތުރު ބައެއް އިތުރުވާނެއެވެ.

އެހެންކަމުން ވިހެއުމަށްފަހު ކަންތައްތައް ކުރާނެ ގޮތް ރާވާލާށެވެ. އޭގެ ތެރޭގައި ހަރަދުތައް ކުރާނެގޮތަށް އަހައްމިއްޔަތުކަން ދޭށެވެ.

ހަރަދުތައް ދާނެގޮތް ކުރިއާލާ ރާވައިފިނަމަ ވިހެއުމަށްފަހު އެކަމާ ބޯ ގާނާކަށް ނުޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް