ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބެއް: ޚުޠުބާ

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބެއްކަން ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުވާ 'ރަހިމުގެ ގުޅުން ދެމެހެއްޓުން' މި މައުޟޫއަށް ހާއްސަ ކޮށްފިއެވެ. ޚުޠުބާގައި ބުނީ، ރަހިމުގެ ގުޅު...

18 Aug 2023 | 08:38

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބެއްކަން ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުވާ 'ރަހިމުގެ ގުޅުން ދެމެހެއްޓުން' މި މައުޟޫއަށް ހާއްސަ ކޮށްފިއެވެ.

ޚުޠުބާގައި ބުނީ، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ގާތްތިމާގެ މީހުންނަށް އިހުސާންތެރިވުން ކަމަށެވެ. އަދި އެމީހުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު ބަލައި އެމީހުންނަށް ހެޔޮ ފޯރުވުން ކަމަށެވެ.

މި ޒަމާނުގައި އެކަކު އަނެކަކަށް ޒިޔާރަތް ނުކުރެވޭނަމަ ފޯނުން ގުޅައި ހާލު ބެލޭނެ ކަމަށާއި މުނާސަބަތުތަކުގައި ތަހުނިޔާ ކިޔޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، ބައެއް މީހުންނަށް އެމީހުންގެ ގާތްތިމާގެ މީހުންނަކީ ކޮބައިކަން ނޭނގޭ ކަމަށެވެ. އަދި އެނގުނު ނަމަވެސް ހާލުބަލައި ބަލިވުމުން ޒިޔާރަތްކޮށް ނަހަދާ ކަމަށެވެ. އަދި އެއީ ހިތާމަހުރި ކަމެއް ކަމަށެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

އަދި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އީމާންކަމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެއީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

"ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުކޮށްދެއްވައި، ރިޒުގު ތަނަވަސް ކޮށްދެއްވައި، ނުބައި މަރަކުން މަރުވެދިއުމާ ދުރުހެލި ކުރައްވާނެ ކަމެއް" ޚުޠުބާގައި ބުންޏެވެ.

އޭގެ އިތުރުން ޚުޠުބާގައި ބުނީ، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ކަމެއް ކަމަށާއި، އެއީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބޭނެ ކަމެއް ކަމަށެވެ.

އަދި ރަހިމުގެ ގުުޅުން ދެމެހެއްޓުމުން ފާފަ ފުއްސަވާނެ ކަމަށް ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ ގާތްތިމާގެ މީހުންނަށް ދޭ ޞަދަގާތުގެ ސަވާބުވެސް އިތުރުވާނެ ކަމަށެވެ.

ރަހިމުގެ ގުޅުން ކަނޑާ މީހާގެ އަމަލުތައް ﷲ ގަބޫލު ނުކުރައްވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

"ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާޚިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައި ވެސް އުގޫބާތް ލިބޭނެކަން އަންގަވާފައިވޭ" ޚުޠުބާގައި ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް