އިންސާނުން އަބަދުވެސް ވެފައިވަނީ ރަޙުމަތްތެރިންނާއި އެކުވެރިންނަށް ބޭނުންވާ އިޖްތިމާޢީ މަޚްލޫޤުންތަކެއް ކަމުގައެވެ. އަހަރެމެންގެ ޙަޔާތުގެ ރަނގަޅު ބައެއް ހޭދަކުރެވެނީ އެހެން މީހުންނާއި މުޢާމަލާތު ކުރުމުގައެވެ.
އަހަރެމެންނަކީ މަދު މީސްކޮޅު ކަމުގައިވާ ސާފުކޮށް އެނގޭ މުޖުތަމަޢު ތަކުގައި އުޅޭ އަހަރެމެން ކަހަލަ މުސްލިމުންނަށް އަހަރެމެންގެ ދީން ދެމެހެއްޓެމަށްޓަކައި ރަނގަޅު އެކުވެރިން ޚިޔާރު ކުރުމުގެ މައްސަލައަކީ މުހިއްމު ކަމެކެވެ. ތަޤްވާވެރި ޞާލިޙް މުސްލިމުންނާއި ގުޅުން ބަދަހިކޮށް ރަޙުމަތްތެރި ވުމީ ސީދާވެގެންވާ މަގުގައި ހުރުމަށް ކޮންމެހެން މުހިއްމު ކަމެކެވެ.
ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”މީހަކު އެންމެ އެކަށީގެންވަނީ އޭނާގެ ރަޙުމަތްތެރިޔާގެ ގޮތަށް ތަބަޢަވުމެވެ. އެހެންކަމުން، ތިބާއަށް ރަޙުމަތްތެރިވެވެނީ ކާކާކަން ބަލާށެވެ.“ [އަބޫ ދާވޫދް އަދި ތިރްމިޒީ]
އިލާހީ ހިދާޔަތުގެ މަގު ނޫން އެހެން މަގުތަކަށް ތަބަޢަވާ މީހުންނާއި އެކުގައި މަސްހުނިވެ އުޅުމުގެ ނަތީޖާއަކަށްވާނީ އެމީހާގެ އަޚްލާޤާއި އުޅުމަށް ބަދަލު އައުމެވެ. އެފަދަ މީހުންނާއި އަހަރެމެން ގުޅުން ބަދަހިކޮށްފި ނަމަ، އެމީހުންގެ ސިފަތަކާއި އުޅުންތައް އަހަރެމެންގެ ކިބައިގައި އަށަގަންނާނެ އެވެ. އަދި ފަހަރެއްގައި އެމީހުންގެ ދީންވެސް އަށަގެންފާނެއެވެ. އެފަދަ މުސްލިމަކު، އޭނާގެ ދީން ކަމުގައިވާ އިސްލާމްދީނަށް ނަފްރަތުކުރާ އޭނާގެ ރަޙުމަތްތެރިންގެ ކުރިމަތީގައި ފޮރުވާ މުއުމިނުންނާއި ވަކިވުމަށް މަސައްކަތްކުރާ ޙާލަތުގައި އޭނާ ވާނެ އެވެ. މި ހިސާބަށް ކަންތައް ދާއިރުގައި، މުސްލިމު މީހާއާއި ނުބައި ޢަމަލު ކުރާ އޭނާގެ ރަޙުމަތްތެރިއާއި ދެމެދުގައި ކުޑަ ތަފާތެއްވާ ހިސާބަށް އަންނާނެ އެވެ. ވަރަށް ގިނަ ފަހަރަށް މުސްލިމަކަށް އޭނާގެ ވާޖިބުތައް މަތިން ހަނދާންނެތިކޮށްދީ ނުބައި ޢަމަލުތައް ކުރުމަށް އޭނާގެ ރައްޓެހިން ހިތްވަރުދެއެވެ. ނަތީޖާއަކަށް ވަނީ ޚުދު މުސްލިމުން ވެސް އެމީހުންގެ މިފަދަ ރަޙުމަތްތެރިން ދޫކޮށް ނަމާދުކުރުމަށް ދިއުމަށް ލަދު ގަތުމެވެ. އެމީހުންގެ ރައްޓެހިން ސާފުގޮތުގައި ސީދާވެގެންވާ މަގުން އެމީހުން އެއްކިބާ ކުރުވަނީ އެވެ.
ނުބައި މަގުގައިވާ މީހުންނާއި ރަޙުމަތްތެރިވުމުގެ ބަދަލުގައި އަހަރެމެން ގުޅުން ބަހައްޓަން ޖެހޭނީ ޞާލިޙް މީހުންނާއިއެކުގައެވެ. ނަމަވެސް އެހެނިހެން މީހުންނާއި މެދުވެސް ހަމަ ހަމަ ރިވެތި އުސޫލުން ކަންތައް ކުރަންވާނެ އެވެ.
ނަބިއްޔާ (صلى الله عليه وسلم) ގެ އެހެން ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ”ރަނގަޅު ރަޙުމަތްތެރިޔަކާއި ނުރަނގަޅު ރަޙުމަތްތެރިއެއްގެ މިސާލަކީ އަތަރު ވިއްކާ މީހަކާއި ކަނބުރުވެރިއެއްގެ މިސާލެވެ. އެހެންކަމުން، އަތަރު ވިއްކާ މީހާ ތިބާއަށް ކޮންމެވެސް އެއްޗެއް ދޭނެއެވެ. ނުވަތަ ތިބާ އޭނާގެ އަތުން ކޮންމެވެސް އެއްޗެއް ގަންނާނެ އެވެ. ނުވަތަ އަތަރު ވިއްކާ މީހާގެ ކިބައިން މީރުވަސް ލިބުމުގެ އުފާ ލިބޭނެ އެވެ. ކަނބުރުވެރިޔަކަށް ބަލާއިރު، އޭނާ ތިބާގެ ފޭރާން އަންދާލާނެ އެވެ. ނޫންނަމަ ތިބާއަށް އޭނާގެ ފަރާތުން ނުބައި ވަހެއް ފޯރުވައެވެ“ [ބުޚާރީ މުސްލިމް]
މިޙަދީޘްގެ ޝަރަޙައިގައި އިމާމް އައްނަވަވީ ވިދާޅުވަނީ ނަބިއްޔާ (صلى الله عليه وسلم)، ރަނގަޅު ރަޙުމަތްތެރިއަކާއި އަތަރު ވިއްކާ މީހަކާއި މިސާލު ޖެއްސެވީ ކަމުގައެވެ. އަދި ރަނގަޅު ރަޙުމަތްތެރިން ތިބުމުގެ މަތިވެރި ކަމުގެ ވާހަކަ ޙަދީޘް ކުރެއްވި އެވެ. އެމީހުންގެ ކިބައިގައި އަޚްލާޤާއި، ތަޤްވާވެރިކަމާއި، ޢިލްމާއި އަދި ރަނގަޅު އާދަތައް ތިބޭ މީހުންނެވެ. އެފަދަ މީހުންނަކީ އެމީހުންގެ ކިބައިން އަހަރެމެންނަށް މަތިވެރިކަން ލިބިދޭ މީހުންނެވެ. އަދި އެކަލޭގެފާނު (صلى الله عليه وسلم) ވަނީ ނުބައި ޢަމަލް ކުރާ މީހުންނާއި، ގިނަ ފާފަތަކާއި އެހެނިހެން ނުބައި ޢަމަލުތައް ކުރާ މީހުންނާއި، އަދި ބިދުޢަވެރިންނާއި، ޣީބަ ބުނާ މީހުންނާއި މިނޫންވެސް މިފަދަ މީހުންނާއި އެކުގައި އިށީނުން އަހަރެމެންނަށް މަނާކުރައްވާފައެވެ. އެހެން ޢިލްމުވެރިޔަކު ވިދާޅުވެފައިވެއެވެ. ”ޞާލިޙުންނާއި އެކުގައި ގުޅުން ބެހެއްޓުމުން، ފައިދާހުރި ޢިލްމާއި، މާތް އަޚްލާޤާއި، ޞާލިޙް ޢަމަލްތައް ލިބުން ނަތީޖާއަކަށްވާނެ އެވެ. އެއާއިޚިލާފަށް، ނުބައި މީހުންނާއި ގުޅުން ބެހެއްޓުމުން ބުނެވިދިޔަ ހުރިހާ ކަމެއް ވުމުން އެއްކިބާވެއެވެ.“
މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ވަންއިސްލާމްޑޮޓްބޮލޮގްސްޕޮޓް އިން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް