ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދީފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އާދަމް ވިދާޅުވީ މަޖިލީހުގައި އޮތީ ސަރުކާރުގެ ބާރުކަމުން ސަރުކާރު ޒިންމާދާރު ކުރުމުގެ ފުރުސަތު މިހާރު ނެތް ކަމަށެވެ. އެހެންވެ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރި ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ސަރުކާޜުގެ އަމަލުތައް ހުރިގޮތާއި ގުޅޭގޮތުން އާދަމް ޝަރީފު ވިދާޅުވީ ވާދަވެރި ކޮންމެ ފަރާތަކަށް ފިޔަވަޅުއަޅާ އުސޫލުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައިވާ ކަމަށެވެ. ހަމަ އެގޮތަށް އެމްޑީޕީ ތެރެއިންވެސް އެ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ ފެންނަމުން މިދަނީ ހުދު އެމްޑީޕީގެ ތެރެއިންވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް އެކަހެރިކުރެވި ބާކީކުރެވިގެންދާ މަންޒަރު ކަމަށެވެ. އަދި ގަބޫލުކުރެވޭ ގޮތުން، އެމްޑީޕީގެ ރައީސްކަމުގައިވިޔަސް ދެވަނަ ދައުރެއް އެމްޑީޕީގެ މިހާރު މިއޮތް ސަރުކާރަށް ލިބިއްޖެ ނަމަ ނަޝީދު ޖަލަށް ނުލައި ދޫކޮށް ނުލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ.
އޭނާ އެހެން ވިދާޅުވި އިރު, ރައީސް ސޯލިހާއި ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. މިހާރު އެންމެ ސިޔާސީ ހޫނު ބަހުސް ކަމަށްވާ ނިޒާމުގެ މައްސަލައިގަ ރައީސް ސޯލިހު ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާއިރު ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމު ގެންނާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް