މާފަރު ކައުންސިލަރުން ފޯން އެލަވަންސްގެ ގޮތުގައި ފައިސާ ނެގި މައްސަލައެއް ފެންމަތިވެއްޖެ

ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް މާފަރު ކައުންސިލްގައި ހިމެނޭ 5 މެންބަރުން ފޯން އެލަވަންސް ނަގާފައިވާކަން ހާމަވެއްޖެ އެވެ. މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޖުމްލަ 22،500 ރު...

18 Aug 2022 | 11:39

ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް މާފަރު ކައުންސިލްގައި ހިމެނޭ 5 މެންބަރުން ފޯން އެލަވަންސް ނަގާފައިވާކަން ހާމަވެއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޖުމްލަ 22،500 ރުފިޔާ، ފޯން އެލަވަންސްގެ ގޮތުގައި ވަނީ ނަގާފައެވެ.

އެގޮތުން، ކައުންސިލްގެ ރައީސް މުޙައްމަދު އަދުނާން އެކައުންޓަށް 4500 ރުފިޔާ، ނައިބު ރައީސް މުޙައްމަދު އާމިރުގެ އެކައުންޓަށް 4500 ރުފިޔާ،ކައުންސިލް މެމްބަރ އައިޝަތު އިބްރާހިމްގެ އެކައުންޓަށް 4500 ރުފިޔާ، ކައުންސިލް މެމްބަރ އަތޫފްގެ އެކައުންޓަށް 4500 ރުފިޔާ، ކައުންސިލް މެމްބަރޝިބާގެ އެކައުންޓަށްވެސް 4500 ރުފިޔާ ފޯން އެލަވަންސްގެ ގޮތުގައި ވަނީ ޖަމާކޮށްފައެވެ.

ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އިންތިޚާބު ކުރާ ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އެއްވެސް ރަށެއްގެ އެއްވެސް ކައުންސިލަރަކަށް ފޯން އެލަވަންސްގެ ގޮތުގައި އެއްވެސް މިންވަރެއްގެ ފައިސާ އެއް ދިނުމަށް މިހާތަނަށް ރައްޔިތުންގެ މަޖިލީހުންފާސްކޮށްފައެއް ނުވެއެވެ.

ޤާނޫނުގައި މިފަދައިން ބަޔާންކޮށްފައިވާ ކަމެއްގައި، މިނޫން ގޮތަކަށް ޢަމަލު ކުރުމަށް އެއްވެސް ކައުންސިލަކަށް ނުނިންމޭނެއެވެ. ނިންމައިފި ނަމަ އެނިންމުމަކީ ބާތިލް ނިންމުމެކެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ރަސްމީ ހައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ވަނީބަޔާންކޮށްފައެވެ. އަދި އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަސާސީ މިންގަނޑުން ބަލާނަމަ މި ކުށުގެ އަދަބަކީ، 1 އަހަރާއި 7 މަސް ދުވަހުގެ ޖަލު އަދަބެކެވެ.

މި މައްސަލަ އޭސީސީއަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް