ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލައި ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.
ޖާބިރު މިކަމަށް އެދިވަޑައިގެންނެވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސް އަކީ އޭނާ ކަމަށެވެ. އިންތިހާބުގައި ވާދަކުރައްވަން އުޅޭ ބޭފުޅުން ތެރޭގައި އޭނާއަށް ވުރެ ފަސްބައި ސާފު ބޭފުޅަކު ނެތް ކަމަށް ވިދާޅުވި އެވެ.
ތަފްސީލް ދެއްވަމުން ވިދާޅުވީ އޭނާ އަކީ އެއްވެސް ގިރިއަކަށް ނާރައި، އެމްއެމްޕީއާރުސީގެ ފައިސާގައި ނުޖެހި، ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާ މީހެއް ނޫން ކަމަށެވެ. މި ސަރުކާރާއި ގުޅޭގޮތުން ވިދާޅުވީ އޭނާ ދާއިރާގައި ހިމެނޭ ކާށިދޫގައި އެއާޕޯޓު އެޅުން ސިޔާސަތުގައި ނެތް ކަމަށް ބުނުމަކީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ކަމަށެވެ.
ޖާބިރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށެވެ. އަދި ގައުމަށް ދެރަވާނެ ގޮތަށް ބޭރު ބައެއްގެ އަތްމައްޗަށް ގައުމުދޫކޮށް ނުލާނެ ކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ އިންޑިއާއަށް މިސަރުކާރުން ވަމުންދާ ބަރޯސާ ހުއްޓާލަން ޖެހޭ ކަމަށެވެ.
އެކަމަކު ރައީސް ޔާމީންހެން އިންޑިއާ އައުޓް ނުގޮވާނެ ކަމަށާއި އެހެން ގޮވާތީ އެމަނިކުފާނު ޖަލަށް ލާން ޖެހޭ ކަމަށެވެ. ޖާބިރު ވިދާޅުވީ އިންތިހާބު އޭނާއަށް ކާމިޔާބު ކުރަން ފަސޭހަވަނީ އެގޮތުން ނަމަވެސް ޔާމީން ޖަލަށް ލައިގެން ކަމަށެވެ.
ޖާބިރު ވަނީ ޑީއާރުޕީގެ ޓިކެޓުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ. އަދި ޔާމީން ވަނީ ޕީޕީއެމް ޓިކެޓުގައި ވާދަ ކުރައްވާކަން އިއުލާނު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް