ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން މިހެން ބުނީ ސަންގު ޓީވީ ގެ ޕްރޮގްރާމެއްގައި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރޮޓެއަރޑް މުހައްމަދު ނާޒިމް ދެއްކެވި ވާހަކައަކާއި ގުޅިގެން ނެވެ.
ނާޒިމް ޑިިފެންސް މިނިސްރަކަށް ހުންނަވަނިކޮށް އޭނާގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ރައީސް ޔާމީނަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށާއި އެއީ ރައީސް ޔާމީން އަޑީގައި ހުންނަވައިގެން ކުރެއްވިކަމަށް ދޭހަވާ މޭރުމަކުން ނާޒިމް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އެ ވާހަކަތަކަށް ރައްދު ދީ ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާއާއި ގުޅުވައި ސަންގު ޓީވީ ގެ ޕްރޮގްރާމެއްގައި އޭނާ ދައްކަވާފައިވާ ވާހަކަ މިކޯލިޝަނުން ދޮގު ކުރާ ކަމަށެވެ.
އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ހަތިޔާރު ގެއަށް ގެންދެވޭ ގޮތަކަށް ކަމަށް ވިދާޅުވެ، ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.
" ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ވަޒީރަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން އަމިއްލަފުޅު ބޭނުންމަށް ހަތިޔާރު ގެންގުޅަމަކީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫން. ހަމައެއާއެކު، އެމަނިކުފާނު ގެ ގެއިން ހަތިޔާރު ފެނުނު މައްސަލަ އަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ރޭއްވެވުމެއްގެ ދަށުން އެމަނިކުފާނަށް ވެސް އެނގިވަޑައިގެން ހިންގާފައިވާކަމެއްކަމަށް ވިދާޅުވިނަމަވެސް، އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައިވަނީ އެގެއިން ހަތިޔާރު ފެނުނު ފަހުން." ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އެ ކޯލިޝަނުން ބުނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނިސްބަތް ކުރައްވާ ދައްކަވާފައިވާ ޙަޤީޤަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ވަޒީރުން ހަތިޔާރު ގެންގުޅުމާއި ގުޅޭ ގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާއި ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ވުމާއެކު އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށް، ކަމުގެ ޙަޤީޤަތް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހިރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ވެސް ނާޒިމަށް ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫން ކަމުގައި ވެސް އެ ކޯލިޝަނުން ބުނެފައިވެ އެވެ.
ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ކާނަލް ރިޓެއަރޑް ނާޒިމް މިހާރު އަންނަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހައްދަވާ، އެ ޕާޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް