ހެއްކާއި ބެހޭ އާ ބިލެއް އެކުލަވާލައި ރައީސް އޮފީހަށް ފޮނުވައިފި އެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލަށް އެކުލަވާލި ހެއްކާއި ބެހޭ ބިލަކީ 1976 ގައި އެކުލަވާލާފައިވާ ހަތް މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާބެހޭ ޤާނޫނުގެ ބަދަލުގައި އެކުލަވާލި ބިލެއް ކަމަށެވެ. ރިފްއަތު ވިދާޅުވީ މި ބިލަކީ ގާނޫނުގެ ރައްކާތެރިކަން ޔަގީން ކޮށްދިނުމަށްޓަކައި ޒަމާނާ އެކަށީގެންވާ އުޞޫލުތައް އެކުލެވޭ ބިލެއް ކަމަށެވެ.
އޭޖީ އޮފީހުން ރައީސް އޮފީހަށް އަލަށް ފޮނުވި ހެއްކާއި ބެހޭ ބިލުގައި ޖިނާއީ އަދި މަދަނީ މައްސަލަތައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތަކާއި ކަމާ ގުޅޭ ނިސްބަތަށް، ކަމެއް ތަހުގީގު ކުރުމާއި ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާ ނުވަތަ ފިޔަވަޅު އަޅާ މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.
އަދި ކަމާ ގުޅޭ ނިސްބަތަށް، ދައުލަތުގެ އިދާރާއަކުން ތައުދީބީ ފިޔަވަޅު އެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތައް ހިމެނެ އެވެ. ބިލުގައިވާ ގޮތުން ހެކީގެ ބާވަތްތަކަކީ ޝަފަހީ ހެކި، ކިތާބީ ހެކި އަދި މާއްދީ ހެއްކެވެ.
ހެކީގެ ގޮތުގައި ހުށަނޭޅެ ކަންކަން:
- ދެމަފިރިންގެ ދެމެދުގައި ދެއްކެވޭ ވާހަކަތަކާއި ހިއްސާ ކުރެވޭ މައުލޫމާތު.
- ދައުލަތުގެ އިދާރާއަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތުގެ ތެރެއިން ގާނޫނެއްގެ ދަށުން ދޫކުރުން މަނާ ކުރެވިގެންވާ ނުވަތަ ހިފެހެއްޓިގެންވާ މައުލޫމާތު.
- ދައުލަތުގެ މުވައްޒަފަކަށް މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ސިއްރު މައުލޫމާތު.
- ކުށެއް ކުރި ކަމުގެ މައުލޫމާތު ހާމަކުރާ ފަރާތް އަންގައިދޭ މައުލޫމާތު.
- ވަކީލާއި މުވައްކިލާ ދެމެދު ބަދަލު ކުރެވޭ މައުލޫމާތު.
- ގާނޫނީ ލަފާ ދޭ މީހުންނާއެކު ކުރެވޭ މުއާމަލާތު.
- ނޫސްވެރިންނާއެކު ކުރެވޭ މުއާމަލާތު.
ހެއްކާ ބެހޭ އާ ގާނޫނެއް ނެތުމުން މީގެ ކުރިން ބައެއް ގާނޫނީ މައްސަލަތައް ދިމާވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް