ހެއިޓީއަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 2،000ން މައްޗަށް

ހެެއިޓިއަށް މިދިޔަ ހޮނިހިރު ދުވަހު އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 އަށް އަރައިފި އެވެ. މިދިޔަ ހަފްތާއެއްހާ ދުވަހު ބޯކޮށް ވާރޭވެހެމުންދާ ހެއިޓީއަށް ބިން ހެލުން އައިސްފައިވަނީ...

18 Aug 2021 | 11:01

ހެެއިޓިއަށް މިދިޔަ ހޮނިހިރު ދުވަހު އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 އަށް އަރައިފި އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހު ބޯކޮށް ވާރޭވެހެމުންދާ ހެއިޓީއަށް ބިން ހެލުން އައިސްފައިވަނީ 7.2 މެގްނެޓިއުޑްގެ ބާރުމިނުގައި އެވެ.

ހެއިޓީގެ ރަސްމީ އިދާރާތަކުން ހާމަކުރާގޮތުގައި މިހާތަނަށް މައުލޫމާތު އެނގޭ 1،941 މީހަކު މަރުވެފައިވެ އެވެ. އެހެން ކަމުން އިތުރު އެތައް ބަޔަކާއި އެކު ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 ން މަތިވެފައިވާ ކަމަށް ބުނެ އެވެ.

މި ބިންހެލުމުގައި 10،000 މީހުންނަށް އަނިޔާވެފައިވާއިރު އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ. މީގެ އިތުރުން އެތައް ހާސްބައެއްގެ ގެދޮރު ގެއްލި މަގުމަތިވެފައިވެ އެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނީ މިހާޜު ކުރަމުންދާ ވިއްސާރައިގަ އިތުރު މީހުން ސަލާމަތް ކުރުމަށް ހުރަސް އެޅެމުންދާ ކަަމަށެވެ.

އދ. ބުނީ ވިއްސާރަ އާއި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީވުމަށް އަޅާފައިވާ ވަގުތީ ހިޔާތަކުގައި ކުދިންނަށް އެކަށީގެންވާ އަދަދަކަށް ސާފު ބޯފެނާއި ކާއެއްޗެހި ނެތް ކަމަށެވެ. އެފަދަ ހިޔާތަކުގައި ހެއިޓީގެ ފަސް ލައްކައަށްވުރެ ގިނަ ކުދިން އެބަތިއްބެވެ.

ބިންހެލުމުގައި ޒަހަމްވި މީހުންނަށް ފަރުވާދޭ ހޮސްޕިޓަލްތައް ފުރި ބާރުވެފައިވާއިރު އެ ތަންތަނުން ސިއްހީ ސާމާނުވެސް ހުސްވެފައިވާ ކަމަށްވެ އެވެ.

ބިން ހެލުމާއި ގުޅިގެން ހެއިޓީގައި ވަނީ އެ މަސްދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ހެއިޓީއަށް 2010 ވަނަ އަހަރުވެސް ބާރުގަދަ ބިން ހެލުމެއް އައެވެ. އެ އަހަރުގެ ބިން ހެލުމުގައި ދެ ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް