ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ފީސިބިލިޓީ ސްޓަޑީއެއް އަންނަނީ ހަދަމުން: ރައީސް

ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހާރު ކުރިޔަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކ...

18 Aug 2021 | 09:55

ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހާރު ކުރިޔަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

އެ ރަށު ޒުވާނުންގެ މަރުކަޒުގައި މިއަދު މެންދުރުކުރީ ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ ކިނބިދޫ ބިން ހިއްކުމަކީ ސަރުކާރުން ޕްލޭން ކުރައްވާފައިވާ ކަމެއް ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް އެރަށުގައި ކުރިޔަށް ގެންދިޔުމަށް ވިސްނުންފުޅުހުރި ކަމަށެވެ.

މީގެ އިތުރުން ވެސް ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހާރު ކުރިޔަށްދާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކިނބިދޫ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއިއެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަ ކޔރައްވާ ރައީސް ވަނީ އިޤްތިޞާދީގޮތުން ހުރި ފުރުޞަތުތަކާއި އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދެވޭނެކަމުގައި ވިދާޅުވެފަ އެވެ.

ކިނބިދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާއި، ވޭމަންޑޫއާ ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމާއި، ކިނބިދޫގެ އާސާރީ ތަނެއްކަމުގައިވާ ވޭރު ޙިމާޔާތްކުރުމާއި، ކިނބިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ކިނބިދޫގައި އިޤްތިޞާދީ ޙަރަކާތް އިތުރުކުރުމަށް ބޭނުންވާކަން ފާހަގަކޮށް، ފަތުރުވެރިކަމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުންނާއި އިޖްތިމާޢީގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވެސް ރައީސް އާ މަޝްވަރާކުރައްވާފަ އެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކިނބިދޫ ހެލްތް ސެންޓަރަށާއި ކިނބިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވާލައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް