ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުންގެ ބާރުގެ ދަށުގައި އޮތް އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.
ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
މި ގޮތުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް އީވާ ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ފްޣާނިސްތާނުގެ ގާނޫނީ ސަރުކާރުގެ ބާރު ކެނޑި، ތާލިބާނުންގެ އަތް ދަށަށް އެ ގައުމު ވެއްޓި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އޮތްތޯ ބަލަން ރިސްކް އެސެސްމަންޓްއެއް ކޮމިޓީން ތައްޔާރު ކުރުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް، ޚާއްސަ ގޮތެއްގައި އަންހެނުންނާއި ކުޑަކުދިންނަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ވެސް އެކަމަނާގެ ސިޓީގައި އެދިވަޑައިގަތެވެ.
އަފްޣާނިސްތާނުގެ ޙަނގުރާމަ ނިމުނުކަން ޠާލިބާން ޖަމާޢަތުން ފދާދި ފަހުން ވަނީ އިޢުލާންކޮށްފައެވެ.
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ޠާލިބާނުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު އެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ ތަރުޖަމާނުކަމަށްވާ މުޙައްމަދު ނަޢީމު ބުނެފައިވަނީ ޠާލިބާނުން ބޭނުންވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު ޞުލްޙަވެރި ގުޅުންތަކެއް ބޭއްވުމަށްކަމަށެވެ. އަދި މީގެ ކުރިން ޠާލިބާނުން ވެރިކަންކުރި ދުވަސްވަރު ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އެ ޖަމާޢަތް ބާކީކޮށް ބަލައިނުގަނެފައިކަމަށާއި އެއީ ތަކުރާރުވާން ބޭނުންވާކަމެއް ނޫންކަމަށް ނަޢީމު ބުނެފައިވެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކާއެކު ޚާތިޖީ ގުޅުންތައް ޠާލިބާނުން ބާއްވަމުންދާކަމަށާއި އިތުރު ޤައުމުތަކާއެކު ގުޅުންތައް ޤާއިމުކުރުމަށް އެ ޖަމާޢަތުން ބޭނުންވާކަމަށްވެސް ނަޢީމު ބުނެފައިވެއެވެ.
20 އަހަރުދުވަހަށްފަހު އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އެ ޤައުމުގެ އަންހެނުންގެ ޙައްޤުތައް ގެއްލިދާނެކަމުގެ ބިރުވެރިކަން ބޮޑުވެފައިވާކަމަށް ބުނެފައެވެ. އަދި އދންވަނީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މުޙިންމުަކަމެއް ދިނުމަށް ޠާލިބާނުންނަށް ގޮވާލައިފައެވެ. އޭގެ އިތުރުން އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުންވަނީ ޠާލިބާނުން މީގެ ކުރިން އަފްޣާނިސްތާނުގައި ވެރިކަންކުރި ދުވަސްވަރުގައި އެ ޖަމާޢަތުން އަންހެނުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ފާހަގަކޮށް ކަނބޮޑުވުންފާޅުކޮށްފައެވެ. އެ ގޮތުން ތަޢުލީމު އުނގެނުމާއި ވަޒިފާ އަދާކުރުމުގެ ޙައްޤުން އަންހެނުން މަޙްރޫމުކޮށްފައިވާކަން ޖަމުޢިއްޔާތަކުންވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް