ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބަދަލުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ241 ކޮމިޓީއަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހަމަޖައްސައިފި އެވެ.
މި ބަދަލު އިއުލާނު ކުރެއްވީ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އެވެ. އީވާ ވިދާޅުވީ އެ ކޮމިޓީއަށް ތިން ބަދަލެއް އައިސްފައިވާ ކަމަށެވެ.
ކޮމިޓީއަށް ތިން ބަދަލެއް އައި އިރު، ފުރަތަމަ ބަދަލަކީ ރިޔާޒުގެ ބަދަލުގައި އަލީ ހުސައިން 241 ކޮމިޓީއަށް ހަމަޖެއްސުމެވެ. ދެވަނަ ބަދަލަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކޮމިޓީއަށް އައްޔަން ކުރުމެވެ. އަދި ތިން ވަނަ ބަދަލަކީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް އަލުން އެ ކޮމިޓިއަށް އައްޔަން ކުރުމެވެ.
އާޒިމް އެ ކޮމިޓީން ދުރަށް ޖެހިވަޑައިގަތީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ނަންތަކުގެ ލިސްޓުގައި އޭނާގެ ނަން ހިމެނުމުންނެވެ. އޭރު އެ މައްސަލަ 241 ކޮމިޓީގައި ދިޔައީ ދިރާސާ ކުރަމުންނެވެ.
އިލްޔާސް ލަބީބް 241 ކޮމިޓީން ދުރަށް ޖެހިވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްޗަށް އެ ކޮމިޓީން އިންކުއަރީއެއް ހިންގަމުން ދަނިކޮށެވެ. އިލްޔާސަކީ ނަޝީދަށް ކުރިން ނުރައްކާ އޮތް ކަން ޑިފެންސްއާ ޚިއްސާ ކުރެއްވި ބޭފުޅެކެވެ.
ރިޔާޒު އެކޮމިޓީން ވަކި ކުރީ އޭނާ ޖޭޕީން ވަކިވެވަޑައިގެންފަ ވާތީ އެވެ. މިވަގުތު މަޖިލީހުގެ ދަފްތަރުގައި ރިޔާޒަކީ އަދި އަމިއްލަ މެންބަރެކެވެ.
ރިޔާޒު ޖޭޕީން ވަކިވެވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައި އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު އެވެ.
މަޖިލީހުގެ ދަފްތަރުގައި އެމްއެންޕީ ރަޖިސްޓްރީ ވާނީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، މަދުވެގެން މަޖިލީހުގެ ދެ މެންބަރުންގެ ނަމާ އެކު މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުންނެވެ. އެ ޕާޓީގެ ދަފްތަރުގައި އަދި ރަސްމީކޮށް އެއްވެސް މަޖިލީސް މެމްބަރަކު ނެތެވެ.
ރިޔާޒުގެ އިތުރުން އެމްއެންޕީއަށް ގުޅިވަޑައިގަންނަވާ މެންބަރުންނަކީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.
މީގެ ތެރެއިން އުޝާމްއާއި މޮސްޓާއާއި ޖޭފޯއަކީ އަމިއްލަ މެންބަރުންނެވެ. ނާޒިމް އަކީ ވެސް ޖޭޕީގެ ޓިކެޓުގައި މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި މެންބަރެކެވެ. އޭނާ ވެސް އާ ޕާޓީ އުފައްދަވަން ޖޭޕީ ވަނީ ދޫކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް