ބީއެމްއެލް އިން ގެމަނަފުށީ ސްކޫލުގައި ގާއިމުކުރި ބީޓެކް ކްލާސްރޫމް، ދަރިވަރުންނަށް ގިނަ ފައިދާތަކެއް ކުރާނެތަނެއް

ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފި އެވެ. މި ކްލާސްރޫމު ފަރުމާ ކޮށްފައިވަނީ ދަރިވަރުންނަށް ހޮސްޕިޓައިލިޓީ ސިނާޔަތުގެ މަސައްކަތްތައ...

18 Aug 2021 | 07:36

ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފި އެވެ.

މި ކްލާސްރޫމު ފަރުމާ ކޮށްފައިވަނީ ދަރިވަރުންނަށް ހޮސްޕިޓައިލިޓީ ސިނާޔަތުގެ މަސައްކަތްތައް ދަސްކުރުމުގައި އަމަލީ ތަޖުރިބާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނެވެ.

ބީއެމްއެލްގެ ކޮމިއުނިޓީގެ ފަންޑުގެ އެހީ އާއެކު މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްކޮށްފައިވަނީ ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ބީޓެކް ކިޔަވާ ދަރިވަރުންނަށް ޚިދުމަތް ދިނުމުގެ ދާއިރާގެ މަސައްކަތްތައް އަމަލީ ގޮތުން ތަޖުރިބާ ކުރުމަށްޓަކައި ނަކަލު ކްލާސްރޫމެއް ވަނީ ތަރައްގީ ކުރެވިފަ އެވެ. މި ކްލާސްރޫމުގެ އެހީގައި ހޮސްޕިޓައިލިޓީ ދާއިރާގައި މަސައްކަތައް ނުކުންނަ ދަރިވަރުންނަށް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމާއި، އެނދު އަޅާނެ ގޮތް ދަސްކުރުމުގެ ޢަމަލީ މަސައްކަތް ދަސްކުރެވޭނެ އެވެ. އަދި ކެއްކުމުގެ އަސާސީ ހުނަރާއި މި ގާއިމްކޮށްފައިވާ ސެޓަޕް ބަލަހައްޓާ ސާފުކޮށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދޭނެ އެވެ.

މިކަމާއިގުޅިގެން ޕްރޮޖެކްޓް ކާމިޔާބު ކުރި ދިވެހި މަސްވެރިންގެ ޖަމިިއްޔާގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވީ މި ދާއިރާގެ މަސައްކަތަށް ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

އެހެންނަމަވެސް ރިސޯޓުތަކުންނާއި ގެސްޓްހައުސްތަކުން މި ފުރުސަތު ހޯދުމަކީ ދަތިކަމެއް ކަމަށާއި މިހާރު މި ކްލާސްތައް ހިންގަމުންދަނީ މަހަކު އެއްފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދަރިވަރުން މި މަސައްކަތްތައް ދަސްކުރުމަށް ބޭނުންވާ ތަކެތި ހޯދަނީ އަމިއްލަޔަށް. އެހެންކަމުން މި ޕްރޮޖެކްޓް ގެ އަމާޒަކަށްވީ ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކުރުމަށް ކްލާސްރޫމެއް ބިނާކޮށް މަސައްކަތް ތަޖުރިބާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ ހުނަރު އިތުރުކުރުމާއި އެހީތެރިވުން." ޝާފިޢު ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް