ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކުރި އަހްމަދު ނިހާން ހުސައިން މަނިކުގ ގެ ޝަރީޢަތް ވެސް ހުއްޓާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު ނިހާން ގެ މައްޗަށް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގަ އެވެ.
މި ދައުވާ ގެ ޝަރީއަތަކީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ. އެެހންނަމަވެސް ދައުލަތުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކެއް ސާފުނުވާ ކަމަށް ދިފާޢީ ވަކީލުން ވިދާޅުވުމުން އަޑުއެހުން ވަނީ ނިންމާލާފަ އެވެ.
ނިހާންގެ ދިފާއީ ވަކީލް ހުސްނީ މުބާރިކް ވިދާޅުވީ ދައުލަތުގެ ފަރާތުން ސީޑީއެއްގައި ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ ހުށަހަޅާފައިވާއިރު އެ ސީޑީ ނުހުޅުވޭ ކަމަށެވެ. އަދި ހާޑްކޮޕީގެ ބައެއް ލިޔެކިޔުންތައް ކިޔަން ނޭނގޭ ކަމަށެވެ.
އެހެންކަމުން ގާޟީ އަލީ އާދަމް ވަނީ އަނެއްކާވެސް ލިޔެކިޔުންތަކުގެ ހާޑުކޮޕީ ދިފާޢީ ވަކީލުންނަށް އަދި ޝަރީއަތަށް ހުށަހެޅުމަށް އަންގަވާފަ އެވެ.
މި މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ހުށަހަޅަން ދައުލަތަށް ތިން ދުވަހުގެ މުއްދަތެއްދީފައިވާ އިރު، ދެން އޮންނަ ޝަރީއަތުގެ މަޖިލީސް ބާއްވާނީ ހުރިހާ ފަރާތަކުން ކޯޓަށް ހާޒިރުވެގެން ކަމަށް ވެސް ގާޟީ ވަނީ ވިދާޅުވެފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ދާނީ ދައުވާއަށް ޖަވާބުދާރީވާ ބައެވެ.
ނިހާންގެ ޝަރީއަތް މީގެ ކުރިންވެސް ތަފާތު މައްސަލަތައް ދިމާވެގެން ކެންސަލްކޮށްފައިވާ އިރު، ނިހާންގެ މައްޗަށް ހަ ދައުވާއެއް ވަނީ އުފުލާފަ އެވެ.
އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް