ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި ނައްތާލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި އެވެ. އެތަކެތި ނައްތާލާފައިވަނީ ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.
ނައްތާލެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރާ، ބަނގުއާވި އަދި އޫރުމަހެވެ.
ކަސްޓަމްސްއިން ބުނީ އެ ދުވަހު 489.16 ލީޓަރުގެ ބަނގުރާ، 9922.11 ލީޓަރުގެ ބަނގުއާވި އަދި 1264.68 ކިލޯގެ އޫރުމަސް ނައްތާލި ކަމަށެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫން ވެސް ސަބަބަކާހުރެ ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.
އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް