އއ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ހާމަކޮށްފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
މި މަޝްރޫޢުގައި 6.35 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބަހައްޓާ ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 956 މީޓަރގެ ޕަންޕިން ލައިން އެޅުމަށް ވަނީ ހިމަނާފަ އެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ވެސް ހިމަނާފައިވެ އެވެ.
މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދޭ އިރު، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް މި މަޝްރޫޢުގައި ވަނީ ހިމަނާފަ އެވެ.
ހިމަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 65,834,544.82 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ މުއްދަތަކީ 540 ދުވަހެވެ.
މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހިމަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް