ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގައި ކަމަށާއި އެ ޕާޓީ ހަލާކުވިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ މެމްބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ތ. ތިމަރަފުއްޓަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވައެވެ.
އެމްޑީޕީގެ މެމްބަރުންނާ ރައީސް ބައްދަލު ކުރައްވައި، ދެކެވުނު ވާހަކަތަކުގެ ކުރު ހުލާސާއެއް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ހިއްސާކުރައްވާފައެވެ. ޓުވިޓާގައި މަބްރޫކް ވިދާޅުވީ އެ ބައްދަލުވުން ކުރިއަށްގެންދެވީ ޕާޓީގެ އެންމެ އިސް ލީޑަރަކީ އެމަނިކުފާނު ކަމުގައިވާތީ ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގެ މުހިންމު ބައެއް ޕޮއިންޓުތައް ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ ދެމި ހުންނަވާނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިކަމުގެ ޔަގީންކަން ޕާޓީގެ މެމްބަރުންނަށް އެމަނިކުފާނު ދެއްވި ކަމަށެވެ.
https://twitter.com/mabrouq/status/1427712988211937283
މީގެއިތުރުން އެމަނިކުފާނު ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ ޕާޓީ ހަލާކުވިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަމެވެ. އަދި ޕާޓީ ކުރިއެރުވުމުގެ ހަރަކާތްތައް އިތުރު ކުރަން ޖެހޭ ކަމަށާއި ޕާޓީގެ އޮފީސް ހެދުމުގައި ވެސް އެހީތެރިވެދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ އިރު، އެ ޕާޓީ ވަނީ ދެފަޅި ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް