ސައިފާއި ކަރީނާގެ ކުރީގެ އަގު ބޮޑު ގެ ކުއްޔަށް ދީފި، ކުއްޔަށް ދިނީ ހައިރާން ވާވަރުގެ އަގަކަށް!

ބޮލީވުޑްގެ ކާމިޔާބު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ކުރިން ދިރިއުޅުނު ގެ ދޫކޮށްލުމަށް ފަހު ބޮޑު އާ ގެއެއް ގަނެގެން އެ ގެއަށް ބަދަލުވީ ހަގު ދަރިފުޅު ޖެހަންގިރް އަލީ ހާން (ޖޭ) ވި...

18 Aug 2021 | 04:29

ބޮލީވުޑްގެ ކާމިޔާބު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ކުރިން ދިރިއުޅުނު ގެ ދޫކޮށްލުމަށް ފަހު ބޮޑު އާ ގެއެއް ގަނެގެން އެ ގެއަށް ބަދަލުވީ ހަގު ދަރިފުޅު ޖެހަންގިރް އަލީ ހާން (ޖޭ) ވިހަން ވާއިރަށެވެ.

މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު އާ ގެއަށް ބަދަލުވިއިރު ކަރީނާ ވިހެއީ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ކުރިން އެމީހުން ދިރިއުޅުނު އަގުބޮޑު ގެ ސައިފް މިހަރު ވަނީ ކުއްޔަށް ދީފަ އެވެ. މުމްބާއީގެ އެންމެ އަގުބޮޑު ހިސާބު ކަމަށްވާ ބަންދްރާގައި ހުންނަ އެ ގެ ކުއްޔަށް ހިފާފައިވަނީ ގިލްޓީ ބައި އެސޯސިއޭޝަން މީޑިއާ އެލްއެލްޕީ އިންނެވެ.

ދެ ފަރާތުގެ ދެމެދުގައި ވި އެއްބަސްވުމުގެ ދަށުން އެ ގެ، އެ ކުންފުންޏަށް ސައިފް ކުއްޔަށް ދޫކޮށްފައިވަނީ ތިން އަހަރަށް ކޮންމެ އަހަރަކު ކުލި ބޮޑުވާގޮތަށެވެ. އެގޮތުން މިހާރު މަހަކު އެ ގެއަށް 3.5 ލައްކަ އިންޑިއަން ރުޕީސް ދައްކާއިރު އަންނަ އަހަރު ކޮންމެ މަހަކު ދައްކަން ޖެހެނީ 3.67 ލައްކަ ރުޕީސް އެވެ. އަދި ޖެހިގެން އަންނަ އަހަރު 3.87 ލައްކަ ރުޕީސް މަހަކު ދައްކަން ޖެހެ އެވެ.

އެ ގެއަކީ 1،500 އަކަފޫޓުގެ ގެއެކެވެ. އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ވަނީ ސައިފަށް ޑިޕޮސިޓިވްގެ ގޮތުގައި 15 ލައްކަ ރުޕީސް ދައްކާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސައިފް އާއި ކަރީނާގެ އަގުބޮޑު އެ ގެއަކީ 12-14 ކްރޯޑް ރުޕީސްގެ އަގުހުރި ގެ އެކެވެ. އެ ގެ ޑިޒައިން ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު އިންޓީރިއާ ޑިޒައިނަރު ދަރްޝިނީ ޝާހް އެވެ.

މިހާރު ދެމަފިރިންނާއި ދެ ދަރިން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅޭވަރުގެ ބޮޑު ގެއެއްގައި ކަމަށް ކަރިނާ ބުނެފައިވެ އެވެ.

މިވަގުތު އެ އާއިލާ ތިބީ ރާއްޖޭގައި ސައިފްގެ އުފަން ދުވަސް ފާހަގަ ކުރުމާއި އެކު ޗުއްޓީ ހޭދަކުރަން އައިސްފަ އެވެ. އެމީހުން ޗުއްޓީ ހޭދަ ކުރަމުންދަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް