ކޯވިޑް-19 ދިފާއު ވެކްސިން ޖަހާ މީހުންގެ އަދަދު ވަރަށް ދަށުގައި އޮތުމަށް ފަހު ކުޑަކުދިންނަށް ވެކްސިން ދޭން ފެށުމުން އަދަދު އިތުރުވާން ފަށައިފި އެވެ.
އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެކުދިންނަށް ދެމުންދަނީ ފައިޒާ ވެކްސިން އެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ހޯމަ ދުވަހު ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު 5،056 މީހުން ޖަހާފައިވެ އެވެ. އޭގެ ތެރެއިން3،155 މީހުން ޖަހާފައިވަނީ އަތޮޅުތެރެއިންނެވެ. މާލެއިން އެ ދުވަހު ފުރަތަމަ ޑޯޒު ޖަހާފައިވަނީ 1،901 މީހުންނެވެ.
މިއާއި އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 354،192 އަށް އަރާފަ އެވެ.
އެދުވަހު ދެވަނަ ޑޯޒު ޖަހާފައިވަނީ އެންމެ 626 މީހުންނެވެ. އޭގެ ތެރެއިން 451 މީހަކު މާލެއިން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު އަތޮޅުތެރެއިން ޖަހާފައިވަނީ 175 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދަކީ މިހާރު 296،498 އެވެ.
ރާއްޖޭގައި މިހާރު ދެމުންދަނީ ފައިޒާ ވެކްސިން އާއި އެސްޓްރަޒެނިކާ އަދި ސިނޮފާމް ވެކްސިންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް