ރަށްރަށުގައި ކުނި މެނޭޖްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ރަށު ކައުންސިލްތަކަށް ފައިސާގެ އެހީ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ މީހުންދިރިއުޅޭ ރަށްތަކުގައި ކުނިމެނޭޖްކުރުމަށް ދިމާވެފައިވާ އެއްމެބޮޑު އެއްގޮންޖެހުމަކީ މިމަސައްކަތަށް ރަށު ކައުންސިލުތަކުން ކުރަންޖެހޭ ޚަރަދުބޮޑުވުމެވެ.
މިކަމުގެ ސަބަބުން ސަރުކާރުން ކުނި މެނޭޖްކުރާނެ ނިޒާމެއް ރަށްރަށުގައި ގާއިމުކުރިނަމަވެސް މިމަސައްކަތުގައި ގެންގުޅޭ ތަކެތި ރަނގަޅަށް މަރާމާތުކޮށް ނުބެލެހެއްޓޭތީ އެކަމުގެ ޝަކުވާ ރަށު ކައުންސިލްތަކުންއަންނަނީ ކުރަމުންނެވެ.
އެހެންކަމުން މިކަމަށް އިޖާބަދިނުމުގެ ގޮތުން، ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގެ ތެރެއިން ސިޓީތައް ފިޔަވާ އެހެން ހުރިހާ ރަށަކަށްވެސް މޯލްޑިވްސް ގްރީންފަނޑްއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.
އެގޮތުން ސަރުކާރުންވަނީ މިއަހަރު މިކަމަށް މުޅިންއަލަށް ބަޖެއްޓެއް ކަނޑައަޅާ އެބަޖެޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ބަޖެޓްގައި ހިމަނާފައެވެ.
މިކަމަށް މިއަހަރު މިނިސްޓްރީގެ ބަޖެޓްގައި ހިމަނާފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ 30,800,000ރ (ތިރީސް މިލިއަން އަށްލައްކަ ރުފިޔާ) އެވެ.
މިއީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ސަރުކާރުން ރަށު ކައުންސިލްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
އެގޮތުން މިފައިސާ ބޭނުންކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތަގުއި ގެންގުޅޭ އާލާތްތައް ހިންގުމަށާއި އެތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދު ފޫބެއްދުމަށެވެ.
މިއަދު މިކަމާއި ގުޅޭ ރަސްމިއްޔާތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގައި ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ އިތުރުން ރާއްޖޭގެ 178 ރަށެއްގެ ރަށު ކައުންސިލުންވެސްވަނީ ބައިވެރިވެފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިއެހީގެ ސަބަބުން ރަށު ކައުންސިލްތަކުން ކުނި މެނޭޖްކުރުމަށް ކުރަމުންދާ ޚަރަދު ފޫބެއްދުމަށް ފަސޭހަވެ ރަނގަޅުގޮތުގައި ރަށުގައި ކުނި މެނޭޖްކުރުމަށް ފަސޭހަތަކެއް ވެގެންދާނެކަމުގައި ޔަގީންކުރައްވާ ކަމުގައި މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވިއެވެ.
އަދި މިއީ މިގޮތަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަމުގައިވިއަސް މީގެ ފަހުން ކޮންމެ އަހަރަކުވެސް މޯލްޑިވްސް ގްރީންފަންޑްއިން މިކަމަށް ބަޖެޓް ކަނޑައަޅާ މިނިސްޓްރީގެ ބަޖެޓްގައި ހިމަނައިގެން މިއެހީތެރިކަން ފޯރުކޮށްދެމުން ގެންދިއުމަށް ސަރުކާރުން ނިންމާފައިވާކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
އަދި މިއާއެކު ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމްތައް ގާއިމުކުރުމަށް މިނިސްޓްރީން މިހާރުވެސް ކުރިއަށްގެންދާ މަސައްކަތްތަށް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ވަނީ ކައުންސިލްތަކަށް ދެއްވާފައެވެ.
އޭގެ ތެރޭގައި ރަށްރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމާއި، އެތަންތަނަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމާއި އަދި ރަށުން ކުނި ބޭރުކުރަން ޖެހޭ ޙާލަތްތަކުގައި އެކަން ކުރެވޭނެ ގޮތްތައްވެސް ސަރުކާރުން ފަހިކޮށްދޭނެ ކަމުގައި ފާހަގަކުރެއްވިއެވެ.
ކުނި މެނޭޖްކުރުމަށް ސަރުކާރުން ވަކި ސިޔާސަތެއް ކަނޑައަޅާފައިވާ ކަމަށާއި މި ސިޔާސަތުގެ ދަށުން މަޝްރޫޢުތަކެއް އެކުލަވާލާ މިހާރުވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިމަޝްރޫޢުތައް މިނިސްޓްރީން ހިންގަމުން އަންނަކަމުގައި މިނިސްޓަރވަނީ ވިދާޅުވެފައެވެ.
މިރަސްމިއްޔާތުގައި ބައިވެރިވި ރަށު ކައުންސިލްތަކުގެ ފަރާތުންވަނީ، މިއީ ކައުންސިލްތަކުން ކުރަމުން އަންނަ ޒަމާންވީ ޝަކުވާއަކަށް އިޖާބަ ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށް މިކަމުގެ ސަބަބުން ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމުގައި ފާހަގަކޮށް މިކަމަށް ޝުކުރުއަދާކޮށްފައެވެ.
މޯލްޑިވްސް ގްރީން ފަންޑަކީ ރާއްޖެ އަންނަ ފަތުރުވެރިން އަތުން ނެގޭ ގްރީން ޓެކްސް ޖަމާ ކުރުމަށް 2019 ވަނަ އަހަރު އުފައްދާފައިވާ ޓްރަސްޓް ފަންޑެކެވެ.
ފަންޑުން 2019 އިން ފެށިގެން މިހާތަނަށް ކުރި ޚަރަދުތަކަށް ބަލާއިރު ފަންޑުގެ 63 އިންސައްތަ ޚަރަދުކޮށްފައި ވަނީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށެވެ. 20 އިންސައްތަ ޚަރަދުކޮށްފައި ވަނީ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތަކަށެވެ. 15 އިންސައްތަ ޚަރަދުކޮށްފައި ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ.
ބާކީ ޚަރަދު ކޮށްފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށް ހިންގުނު އެހެނިހެން މަޝްރޫޢުތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް