ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭނުގެ ކާމިޔާބު ހަރަކާތެއް ގއ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.
ގާސިމްގެ ކެމްޕޭން ޓީމުން ގއ. އަތޮޅަށް ގޮސްފައި ވަނީ މި މަހުގެ13 ވަނަ ދުވަހުން ފެށިގެން17 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޓީމުގައި އިސްކޮށް ހަރަކާތްތެރި ވެފައި ވަނީ ޖޭޕީގެ ދެކުނުފެ ކެމްޕޭން މެނޭޖަރު އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އިގްބާލް އާދަމްއެވެ.
މި ދަތުރުގައި ކެމްޕޭން ޓީމުން ވަނީ އެ އަތޮޅު ނިލަންދޫ، ދާންދޫ، ގެމަނަފުށި، ކަނޑުހުޅުދޫ، ކޮނޑޭ، ވިލިނގިލި، ކޮލަމާފުށި، ދެއްވަދޫ، އަދި މާމެންދޫއަށް ޒިޔާރަތް ކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ދެކުނުގެ ކެމްޕޭން ޓީމުން މައުލޫމާތުދޭ ގޮތުގައި، މި ދަތުރުގެ ތެރެއިން ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި، ރަށްރަށުގައި ދޮރުން ދޮރަށް ހިނގުމާއި ރައްޔިތުންނާއި ބައްދަލުކުރުން ފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ ބައްދަލުވުންތަކުގައި ގާސިމްގެ މެނިފެންޓޯއާއި ރިޔާސީ ވައުދުތަކާއި، ގައުމާއި ރައްޔިތުންނާއި ގުޅިފައިވާ އެކި ދާއިރާތަކުން އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ސާފުކޮށްދީ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
މި ދަތުރުގައި ގއ. އަތޮޅުން ގާސިމަށް ލިބުނު ތާއީދާއި އެއްބާރުލުން ޖޭޕީގެ ކެމްޕޭން ޓީމުން ފާހަގަ ކުރިއެވެ.
އަދި މި ދަތުރުގައި ކުރެވުނު މަސައްކަތުން އުންމީދުތަކެއް އާ ވެއްޖެ ކަމަށާއި ކާމިޔާބަށްޓަކައި ކުރަންހުރި މަސައްކަތްތައް ފާހަގަ ކުރެވިފައި ވާކަމަށް ކެމްޕޭން ޓީމުން ފާހަގަ ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް