އަންނަ ދައުރުގައި މަޖިލީހަށް ހަ ގޮނޑި އިތުރު ކުރަނީ

އަންނަ ދައުރުގައި މަޖިލީހަށް ހަ ގޮނޑި އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. އީސީގެ ނައުބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އި...

18 Jul 2023 | 16:09

އަންނަ ދައުރުގައި މަޖިލީހަށް ހަ ގޮނޑި އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އީސީގެ ނައުބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ 794 ވަނަ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑި އިތުރުވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އެއީ؛

  • މާލޭ ސިޓީ އަށް 2 ގޮނޑި،
  • އައްޑޫ ސިޓީ އަށް 1 ގޮނޑި،
  • މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި،
  • މާލެއަތޮޅަށް 1 ގޮނޑި، އަދި
  • ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑިއެވެ.

ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ ޢަދަދުތަކުގެ ތަފްސީލް ކޮމިޝަނުން ވަރަށް އަވަހަށް ޢާންމުކުރާނެ ކަމަށް އީސީން ބުންޏެވެ.

ހަބީބު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅަނީ؛ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ ފަސް ހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ހޮވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ޤާނޫނު ގައިވާގޮތުން، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 12 މަހާއި 10 މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަންޖެހެއެވެ.

މަޖިލީހުގައި މިހާރު ތިއްބަވަނީ87 މެމްބަރުންނެވެ. ނަމަވެސް ހަ ގޮނޑި އިތުރު ވުމާއެކު ދެން ތިއްބަވާނީ93 މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް