ސަން އައިލެންޑަށް ވަޑައިގެން ނާޒިމް ގާސިމްއާ ބައްދަލުކުރައްވައިފި

އަންނަ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާ ބައްދަލު ކުރައްވައިފިއެވެ. ގާސ...

18 Jul 2023 | 09:40

އަންނަ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާ ބައްދަލު ކުރައްވައިފިއެވެ.

ގާސިމްއާ ބައްދަލުކުރެއްވުމަށް ނާޒިމްގެ ޓީމުން ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ނާޒިމާއެކު އެމްއެންޕީގެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެ ބައްދަލުވުމަށް ވަޑައިގެންނެވިއެވެ.

ގާސިމާއި ނާޒިމް ބައްދަލުކުރެއްވި ނަމަވެސް، އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމާ ގުޅިގެން މައުލޫމާތު އަދި ލިބިފައިނުވެއެވެ.

މިދިޔަ މޭ މަހު ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ އެމްއެންޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ނާޒިމްގެ އަރިހުގައި ހުންނެވި ރިޔާޒް ހިމެނޭ ގޮތަށް ބައެއް ބޭފުޅުން ޖޭޕީ ދޫކުރައްވައި އެމްއެންޕީ އުފެއްދީ ވަކި ވިސްނުމެއްގައި ކަމަށާއި ގާސިމް "ދުއްވާލައިގެން ނޫން ގޮތަކަށް" ވެރިކަން ނުކުރެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ނާޒިމް އޭރު ވިދާޅުވީ އޭނާއަށް ހެޔޮއެދޭ މީހަކު ގާސިމަށް ގެއްލުމެއް ނުދޭނެ ކަމަށާ އަދި އޭނާ އެފަދަ ވާހަކައެއް ވެސް ނުދައްކަވާނެ ކަމަށެވެ. އަދި ގާސިމާ މެދު އޭނާގެ ހިތުގައި އޮތީ އިހުތިރާމް ކަމަށަވެސް ނާޒިމް ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް ވަނީ މިދިޔަ ހަފްތާގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސް ވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު ގާސިމް ވަނީ، ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް