ކުޑަކުދިންނަށް ކުރާ އަނިޔާގެ 104 މައްސަލަތަށް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށްފައި ވާކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިއްޔެ ޖެންޑާ މިނިސްޓްރީން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ، ފިރިހެން ކުދިންނަށް އަނިޔާ ކޮށްގެންނެވެ.
އެގޮތުން ކުޑަކުދިންނަށް އެކިކަހަލަ އަނިޔާކުރުމާ ގުޅޭގޮތުން މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު:
- ޖިންސީ ގޯނާ: 15 އަންހެން ކުދިން، 10 ފިރިހެން ކުދިން
- ކުޑަކުދިން ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުން: ދެ ފިރިހެން ކުދިން
- ޖިސްމާނީ އަނިޔާ: ހަ އަންހެން ކުދިން، 12 ފިރިހެން ކުދިން
- ބުލީކުރުން: ދެ ފިރިހެން ކުދިން
- ނަފްސާނީ އަނިޔާ: ތިން އަންހެން ކުދިން، ހަތަރު ފިރިހެން ކުދިން
- ފުރައްސާރަކުރުން: ތިން އަންހެން ކުދިން
- ކުޑަކުދިންނަށް އަޅާނުލުން: 15 އަންހެން ކުދިން، 18 ފިރިހެން ކުދިން
- އަނިޔާ ކުރާތަން ފެނުން: ހަ އަންހެން ކުދިން، ހަ ފިރިހެން ކުދިން
- ބްލެކްމެއިން ކުރުން: އެއް ފިރިހެން ކުއްޖެއް
- އެހެނިހެން މައްސަލަތައް: އެއް އަންހެން ކުއްޖެން
ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ 10 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނާ ގުޅުންހުރި މައްސަލަތަކެއް ކަމަށް އެ މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ. އަދި މި އުމުރުފުރާގެ 28 އަންހެން ކުއްޖެއްގެ މައްސަލަ ހުށަހަޅާފައި ވާއިރު، 23 ފިރިހެން ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރަށް ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅި އާއިލީ މައްސަލަތަކަށް ބަލާއިރު، ދަރިން ބެލުމުގެ 11 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި ކޯޓު މެދުވެރިކޮށް ދަރިން ހޯދުމަށް ފަސް މައްސަލައެއް ހުށަހަޅާފައި ވާއިރު، ދަރިފުޅާ ބައްދަލު ނުވެވޭ 14 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ތިބި ކުޑަކުދިންގެ އަދަދު ވެސް ޖެންޑާ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެއީ 104 ފިރިހެން ކުދިންނާއި 76 އަންހެން ކުދިން ހިމެނޭހެން، ޖުމްލަ 180 ކުދިންނެވެ. މީގެ ތެރެއިން އެއް ކުއްޖަކު މިދިޔަ މަހު ވަނީ ފޮސްޓާ ކޮށްފައެވެ. އަދި ދެ ކުއްޖަކާ އާއިލާއިން ހަވާލުވެފައި ވާއިރު، މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެއް އަންހެން ކުއްޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް