މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މާލޭގައި ދޮރުން ދޮރަށް ކުރާ ކެމްޕޭން ހަރަކާތް މިއަދު ފަށައިފިއެވެ.
މާލޭގެ ބައެއް ގެތަކަށް ޒިޔާރާތް ކުރުމުން ފެނިގެން ދިޔައީ މީހުން ދިރިއުޅެމުން އަންނަ ދަތި ހާލުތު ކަމަށާއި ރައްޔިތުން އުޅެމުން އަންނަނީ ވަރަށް ބޮޑު ތާށިކަމެއްގެ ތެރޭގައި ކަމަށް އުމަރު ވިދާޅުވިއެވެ.
އެގޮތުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގޯތިގެދޮރުތަކުގައި މީހުން ތާށިވެގެން އުޅޭނެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ވޭތުވެދިޔަ 15 އަހަރުތެރޭ ހައްލުނުވި ގޯތިގެދޮރުގެ މައްސަލަ، މުޅި ރާއްޖެއަށް އެންމެ ފަސް އަހަރުތެރޭ ހައްލުކޮށްދޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ގޯތި ދޫކުރާނީ އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރާ ގޮތަށް، އެހެން ހުރިހާ ކެންޑިޑޭޓުންނާއި ތަފާތުކޮށް، އެކަމަށް ހާއްސަކޮށް އެކުލަވައިލާ މިނިވަން މުއައްސަސާއަކުން ޝޯޓްލިސްޓް ކޮށްގެން" އުމަރު ވިދާޅުވިއެވެ.
މީގެ އިތުރަށް އޭނާ ވިދާޅުވީ ސަރުކާރު އިދާރާތަކުން އެކަން ކުރާނަމަ އެކަމެއްގައި ސަރުކާރުގެ ނުފޫޒުން ބައެއް ފަރާތްތަކަށް ގޯތި ލިބުނު ނަމަވެސް، އޭނާގެ ވެރިކަމެއްގައި އެންމެ ނިކަމެތި މީހާ ވެސް ބާކީ ނުވާނެހެން ގޯތި ލިބޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމެވެ.
"އެމީހުން ގަބޫލުކުރޭ އަޅުގަނޑަކީ އެހެން ކެންޑިޑޭޓުންނާ ތަފާތު ބްރޭންޑެއް ކަމަށް. އަދި އަޅުގަނޑުގެ ސިޔާސީ ތަޖުރިބާއާ، ސަރުކާރުގެ ތަޖުރިބާއަށް ބަލާއިރު، އަޅުގަނޑަކީ އެންމެ ގާބިލް ކެންޑިޑޭޓުކަމަށް ގަބޫލުކުރޭ ރައްޔިތުންވެސް" އުމަރު އިތުރަށް ވިދާޅުވެފައިވެއެވެ.
މިހާތަނަށް ބައްދަލުކުރި ރައްޔިތުންގެ ޝުއޫރުތައް ހުރި ގޮތް ހިއްސާކުރައްވަމުން އުމަރު ވިދާޅުވީ ރައްޔިތުންނާ ދިމާވުމުން އޭނާ ބަލައިގަންނަކަން އެނގިގެން ދިޔަ ކަމަށެވެ. އަދި އޭނާއާ މެދު ރައްޔިތުން ދެކެނީ ވެސް ވަރަށް ޕޮޒިޓިވްކޮށް ކަމަށް އުމަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް