ބްރިޖުގެ ޓްރެފިކް ލައިޓްތައް ބަދަލުކޮށް ބޭނުންކުރަން ފަށައިފި

ސިނަމާލެ ބްރިޖުގައި ހަރުކޮށްފައި ހުރި ޓްރެފިކް ލައިޓްތައް "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމަކަށް ބަދަލުކޮށް، އިއްޔެ ބޭނުންކުރަން ފަށައިފި އެވެ. ސިނަމާލެ ސަރަހައްދުން ދަތުރުކުރާއިރު، ލައިޓްތަކަށް ސަމާލުވެ...

18 Jul 2023 | 08:17

ސިނަމާލެ ބްރިޖުގައި ހަރުކޮށްފައި ހުރި ޓްރެފިކް ލައިޓްތައް "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމަކަށް ބަދަލުކޮށް، އިއްޔެ ބޭނުންކުރަން ފަށައިފި އެވެ.

ސިނަމާލެ ސަރަހައްދުން ދަތުރުކުރާއިރު، ލައިޓްތަކަށް ސަމާލުވެ، އޭގެން ދައްކާ ސިގްނަލްތަކާ އެއްގޮތަށް އަމަލުކުރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި ލައިޓަށް މަޑުކުރަން ދިއުމުގެ ކުރިން ކުރިއަށް ދާން އިހުތިޔާރުކުރާ ލޭން ބޭނުންކުރުމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން، އެރޯ ޓްރެފިކް ލައިޓަށް ބަދަލުކުރުމުން އަންނަ އެންމެ ބޮޑު ބަދަލަކީ މަގުގެ ކޮންމެ ލޭނަކަށް ހާއްސަ ލައިޓެއް ހުރުން ކަމަށް ފުލުހުން ފާހަގަ ކުރިއެވެ.

އަދި ކޮންމެ ލޭނަކުން ދަތުރުކުރާ ވެހިކަލްތަކަށް ކުރިއަށް ދެވޭނެ ދިމާ، އެ ލައިޓްގައި ހުންނަ ތީރުތަކުން ދައްކާނެކަމާއި އެ ދިމާލަށް ދިއުމަށް ލިބޭ ވަގުތު ވެސް ތީރުގެ ތިރިއަށް އަރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކުރިއަށް ދެވޭނީ ފެހި ކުލައިގެ ތީރު ދިއްލުމުންނެވެ. ރަތް ކުލައިގެ ތީރު ދިއްލުމުން ޖެހޭނީ މަޑުކުރާށެވެ. ކުރިން ނަމަ ޖެހެނީ މަގުން އަންނަ ހުރިހާ ވެހިކަލެއް އެއް ވަގުތަކަށް މަޑުކުރާށެވެ.

މިސާލަކަށް ބޮޑުތަކުރުފާނު މަގުން ބްރިޖާ ދިމާލަށް ދަތުރުކުރާ ވެހިކަލްތަކުގެ ތެރެއިން ބްރިޖައަށް އަރަން ދާ ވެހިކަލްތައް ދުއްވަން ޖެހޭނީ ކަނާތު ލޭނުންނެވެ. ބޮޑުތަކުރުފާނު މަގުން ގޮސް، ލޮނުޒިޔާރަތް ޕާކު އޮންނަ ފަޅިއަށް އަޅާ ވެހިކަލްތައް ދުއްވަން ޖެހޭނީ ވާތު ލޭނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް