ޖާހް ކޮންސްޓްރަކްޝަންސްގެ ފަރާތުން ހުޅުމާލޭގައި އަޅަމުން އަންނަ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމުން އަވަސްކުރުމަށްޓަކައި އެ މަސައްކަތާ އާބަންކޯއިން ހަވާލުވެއްޖެ އެވެ.
އާބަންކޯއިން ބުނީ އެ ފްލެޓްތަކުގެ 91 ޕަސެންޓް މަސައްކަތް ނިމިފައި ވާއިރު އަނެއް ނުވަ ޕަސެންޓް މަސައްކަތް ކުރާނީ ސީދާ އާބަންކޯއިން ކަމެވެ.
ނަމަވެސް، އެކަން އެގޮތަށް ކުރުމަށްޓަކައި ޖާހް ކުންފުންޏާ އެކު އާބަންކޯއިން އެއްބަސްވީ ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ޖާހް އިންވެސްޓްމެންޓުން ވަނީ އެޕާޓްމެންޓްތަކެއްގެ އަގު، އެތަންތަން ގަންނަ ފަރާތްތަކުގެ އަތުން ހޯދައިފަ އެވެ. އެހެން ނަމަވެސް އެތަންތަން ނުނިމި ދިގުލައިގެން ދިއުމުން، ޖާހް ކުންފުނިން ދިވެހި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ބުނެ ފުލުހުންނަށް ބަޔަކު މައްސަލަ ވެސް ހުށަހަޅާފައިވެއެވެ.
އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ ޖާހް ކޮންސްޓްރަކްޝަންގެ ހައުސިން ޔުނިޓްތަކުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށްދީ، ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަލުން މަސައްކަތް ފެށުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫންކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.
"މި ކޯޕަރޭޝަންގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުއާމަލާތްތައް ބަލާ، ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުން،" އާބަންކޯއިން ފާހަގަކުރި އެވެ.
އާބަންކޯއާއި ޖާހް ކުންފުނި އަދި ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތައް ކުރިއަށް ގެންގޮސް، ވީހާވެސް އަވަހަކަށް ނިންމުމަށް ހަމަޖެހިފައިވާކަމަށް ވެސް އާބަންކޯގެ ބަޔާނުގައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް