މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ފަށައިގެން ކުރިއަށްދާއިރު، އަދި ރަނިންމޭޓެއް ކަނޑަނާޅުއްވާ ކަމަށާއި އެއީ "އުނދަގޫކަމެއް" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިހައިތަނަށް ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހަތަރު އަތޮޅަކަށް ވަޑައިގެންފައެވެ. އެގޮތުން ވ.އަތޮޅުގެ ކެމްޕޭން ނިންމަވައިލެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވި އިރު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރަނިން މޭޓަކު ކަނޑައެޅުއްވުމަކީ ނިންމަވަން ޖެހިވަޑައިގެންފައި އޮތް އުނދަގޫ ނިންމެވުމެއް ކަމަށެވެ.
"އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ." ރައީސް ވިދާޅުވިއެވެ. އަދި ކޯލިޝަނުގެ ތެރެއިން ރަނިންމޭޓެއް ނެރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ރައީސް ވަނީ އިތުރަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހާ އެކުގައި ނިކުންނަވާނެ ރަނިންމޭޓަކު އަދި ކަނޑައަޅާފައި ނުވާއިރު, ގާތް ބައެއް ބޭފުޅުން ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ފަށައިގެން ކުރިއަށް ދާއިރު، އިންތިހާބަށް ކުރިމަތިލާ، ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހު އެވެ. މިފަހަރުގެ އިންތިހާބަށް އަށް ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ބުނެފައިވާއިރު، އަދި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ރަނިންމޭޓަކު ދައްކާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް