ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ...

18 Jul 2023 | 03:04

ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

ކެލާގެ ރައްޔިތުންނަށް ޢާއްމުކޮށް ދިމާވާ އުނދަގުލަކީ ނެރުގެ ޖާގަ ކުޑަކަމުން ނެރަށް ނުވަދެ ބޮޑެތި ބޯޓު ފަހަރު ބޭރުގައި އަޅާފައި އޮންނަންޖެހޭ މައްސަލައެވެ. އަދި ކެލާ ގޮނޑުދޮށް ގިރަމުން ދިޔުމާއި ވިދިގެން އެ ސަރަހައްދަށް ގަލާއި އަކިރި ލައްގާ މައްސަލައަކީވެސް ރައްޔިތުން ތަޙައްމަލު ކުރަމުން އަންނަ އުނދަގުލެއްކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ކެލާ ކައުންސިލުން ބުނީ، އިއްޔެ ސޮއިކުރެވުނު މަޝްރޫޢުގެ ސަބަބުން، މި ދަތިތަކަށް ޙައްލު ލިބި ލޯކަލް ޓޫރިޒަމް ރަށުގައި އިތުރަށް ފުޅާވެ ކުރިއަރައިގެން ދާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

އެގޮތުން މިއީ އިޤްތިސާދީ ގޮތުންވެސް ކެލާ ރައްޔިތުންނަށް ނަފާ ލިބޭނޭ މަޝްރޫޢެއްގެ ގޮތުގައި އެމްޓީސީސީ އިން ދެކޭކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 16,632 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 57,750 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ އިތުރަށް، 36 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ފަދަ މަސައްކަތްތަށް ކުރިޔަށްދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އަދި 309 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ބޭރުތޮށްޓެއް ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢަކީ 16.91 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށް އެ ކުންފުނިން މައުލޫމާތިދެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް